29 Dec 2022, 08:41
މިއަހަރުގެ ނޮވެމްބަރު މަހު ސިނަމާގައި ރިލީޒްކުރި ފިލްމު "ޑަބަލް އެކްސްއެލް" ނެޓްފްލިކްސްއިން ޕްރިމިއާކުރަން ފަށައިފިއެވެ.
ނެޓްފްލިކްސްގައި އިއްޔެ ޕްރިމިއާކުރި މިފިލްމަކީ، ބަތަލާ ހުމާ ގުރެޝީ އާއި ސޮނާކްޝީ ސިންގްހާ ލީޑް ރޯލްއިން ފެންނަ ފިލްމެކެވެ. ފިލްމު ނެޓްފްލިކްސްއިން ސްޓްރީންކުރަން ފެށިކަން ނެޓްފްލިކްސްގެ އިންސްޓަގްރާމް އެކައުންޓުގައިވެސްވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ. ފިލްމުގައި ހުމާއާއި ސޮނާކްޝީ ފެނިގެންދާނީ އާދަޔާ ޚިލާފަށް ފަލަ ދެ އަންހެނަކު އިންޑިއާގެ އުއްތަރު ޕްރަދޭޝްއިން ނިއުދިއްލީއަށް ހިޖުރަކުރުމަށްފަހު އެމީހުންގެ މީހުންގެ ފަރާތުން ލިބޭ ފާޑުކިޔުންތަކަށް ބެލުމެއްނެތި ދިރިއުޅުން ކުރިއަށްގެންދާތަނެވެ.
ފިލްމުގައި މި ދެ އަންހެނުންގެ އެކުވެރިކަމުގެ ގުޅުން ބަދަހިވެ ހަށިގަނޑު ފަލަވުމަކީ މީހާ ރީތިވުމަށްއޮތް ހުރަހެއް ނޫންކަން ދައްކުވައިދޭނެއެވެ.
އިނގިރޭސިވިލާތުގެ ރީތި ލޮކޭޝަންތަކުގައި ފިލްމު ޝޫޓްކޮށްފައިވާއިރު މިފިލްމުގައި ސޮނާކްޝީގެ ލޯބިވެރިޔާކަމަށް އަޑު އަރާފައިވާ ޒަހީރް އިޤްބާލްވެސް ފެނެއެވެ. މުދައްސަރު ޢަޒީޒް ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ ސަތްރަމް ރަމާނީއެވެ. މޮޅު ކާސްޓިންގްއަކާއެކު ރަނގަޅު ކޮންސެޕްޓެއް ފިލްމުން ފެނުނު ނަމަވެސް ކްރިޓިކްސްއިން ފިލްމާ އެހާ ގަޔާނުވިކަން ފާހަގަކުރެވެއެވެ.
ރަނގަޅު ފެށުމެއް ފިލްމަށް ލިބިފައިނުވާއިރު ކްރިޓިކުން ވަރަށްބޮޑަށް ފިލްމަށް ފާޑުކިޔާފައިވާކަމަށް ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާއިންވަނީ ބުނެފައެވެ.
ބަތަލާ ހުމާ ގުރޭޝީގެ ދާދިފަހުން ފެނުނީ އެކްޓަރު ރާޖްކުމާރް ރާއޯއާއެކު ކުޅުނު ފިލްމު "މޮނިކާ އޯ މައި ޑާލިންގް"އިންނެވެ. މިފިލްމުވެސް ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވާއިރު މިއީ ބެލުންތެރިންނަށް ވަރަށްބޮޑަށް ކަމުދިޔަ ފިލްމެކެވެ. ހުމާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ތަރްލާ" ނަމަކަށްކިޔާ ބަޔޮޕިކްއަކުންނެވެ.