މާލޭގައި ކުނި ކަހައިދޭނެ މަސައްކަތު މީހުން ހޯދަން މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ވެސް ސިޓީ ކައުންސިލުން ވަނީ ކުނި ކަހައިދޭނެ މީހުން ހޯދަން އިއުލާންކޮށްފައެވެ. އެ އިއުލާނުގައި ވަނީ އެ މަސައްކަތަށް ވިލިމާލެއިން 28 މީހުންނާއި މާލެއިން 80 މީހުން ހޯދާ ކަމަށެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވަނީ މާލޭގައި ކުނި ކަހަން 40 މީހުން ހޯދާ ކަމަށެވެ.

އެ މީހުންގެ އަސާސީ މުސާރައަކީ 3،100 ރުފިޔާއަށް ވާއިރު ސާވިސް އެލަވަންސްއާއެކު އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 7،000 ރުފިޔާއެވެ. އެމީހުންނަށް އިތުރު ގަޑީގެ އެލަވެންސްގެ ގޮތުގައި 2،600 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ އަންނަ ބުދަ ދުވަހުގެ 14:00އަށެވެ. އަދި އެ ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއޫތައް ބާއްވާނީ އަންނަ ބުރާސްފަތި ދުވަހާއި އަންނަ މަހުގެ 10 ވަނަ ދުވަހާ ދެމެދުގައެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވެމްކޯއާ ހަވާލުކޮށްގެން ކުރަމުން އައި ނަމަވެސް، އެ މަސައްކަތުގެ އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ވަނީ މިމަހުގެ ތެރޭގައި ނިންމާފައެވެ.

އެހެންކަމުން، މިދިޔަ ހޯމަ ދުވަހު އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު ސިޓީ ކައުންސިލުން ވަނީ މާލޭ އާއި ވިލިމާލޭ ސާފުކުރުމުގެ މަސައްކަތާ ހަވާލުވެފައެވެ.

ވެމްކޯއަށް އެ މަސައްކަތް ގެއްލުނު ނަމަވެސް، އެ ކުންފުނިން ވަނީ އެ މަސައްކަތް ކުރި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

މިއަދު ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުގެ ފަރާތުން ކުނި ކެހުމަށް ވަކި ޓީމަކާއި ކުނި ނެގުމަށް ވަކި ޓީމެއް ބޭއްވުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ކުނި ނެގުމަށްޓަކައި އެކި ސައިޒުގެ 12 ލޮރީ މާލެ އާއި ވިލިމާލޭގައި ބޭނުން ކުރަމުން ދާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި ނަގައި، ސާފު ކުރުމަށް މާލެ ތެރޭގައި ޖުމްލަ 120 މުވައްޒަފުން ހަރަކާތްތެރިވާއިރު، ވިލިމާލެގައި 28 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުން ހަމަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.