ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަކީ 'ޗޮއިސް' އެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށް މިހާރު ސަލްޓަން ޕާކުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މީގެ ހަތަރު އަހަރު ކުރިން ވެރިކަން ބަދަލު ކުރުމަށް ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ހެދި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޚު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އެގޮތުން، 2018 ވަނަ އަހަރު ގިނަ ސިޔާސީ ލީޑަރުން ޖަލު ބަންދުގައި ތިބި ނަމަވެސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ޕާޓިއެއްގެ ރިޔާސީ ކެންޑިޑޭޓް ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާނެ ކަން ރާއްޖޭގެ ސިޔާސީ މަސްރަޚު ދަންނަ ކޮންމެ މީހަކުވެސް ދަންނާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިޔާސީ ޠަބީއަތެއް އެބަ އޮވޭ. އަލަށް ގައުމީ އިންތިޚާބަށް ނުކުތީމާ ގިނަ ފަހަރަށް ލިބިގެން ދަނީ ވިއްސަކަށް ޕަސެންޓު. ރައީސް [އިބްރާހީމް މުޙައްމަދު] ޞާލިޙް މި ނުކުންނަވަނީ އަލަށް ގައުމީ އިންތިޚާބަށް. އަޅުގަނޑަށް ވެސް އެނގޭ 2018 ވަނަ އަހަރު އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ އެބޭފުޅާ ކަން. އެއީ އެއްވެސް ޕާޓީއެއްގެ ލީޑަރަކު ނެތި އޮތް އިންތިޚާބެއް ކަމުން، ކުޑަ ދުވަސްކޮޅަކަށް އަޅުގަނޑުމެން ވީ އެއްބަސްވުމެއް. އެ ވެރިކަން ބަދަލުވެ ދިޔައީ.ރައީސް މުހައްމަދު ނަޝީދު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިގެން ދިއުމަކީ ދެން ތިބި ޕާޓީތަކުގެ ލީޑަރުން ވެރިކަމަށް އައުމަށް ކުރާ އުއްމީދު އިތުރުވެގެން ދިޔަ ކަމެއް ކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ޕްރައިމަރީން ނާކާމިޔާބުވާ މަންޒަރު ނުފެންނަ ކަމަށް ރައީސް ޞާލިޙް މިއަދު ވަނީ ވިދާޅުވެފައެވެ. އަދި، އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އެމަނިކުފާނާއެކު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޯލިޝަނަކަށް ވަޑައިގެންނެވުމާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ މިވަގުތުގެ އަމާޒަކީ ޕްރައިމަރީ ކާމިޔާބު ކުރެއްވުން ކަމަށާއި ކޯލިޝަންގެ މަޝްވަރާއާ މެދު ގޮތެއް ނިންމަވާނީ އެއަށް ފަހު ކަމަށެވެ.

ކޯލިޝަނަކާއަކު ނިކުމެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެމްޑީޕީއަށް އޮތް ފުރުސަތަކީވެސް އެމަނިކުފާނު ކަމަށް މީގެކުރިންވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.