29 Dec 2022, 08:43
އިންޑިއާ ރޭލްވޭގެ ނެޓްވޯކް ހެކްކޮށް، 30 މިލިއަން ރޭލްވޭ ފަސިންޖަރުންގެ ޒާތީ މައުލޫމާތުތައް ލީކްކޮށްލައިފިއެވެ.
މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހެކްގެ ގޮތުގައި ބުނާ މި ސައިބާ ހަމަލާގައި އިންޑިއަން ރޭލްވޭގައި ރަޖިސްޓްރީކޮށްފައިވާ ގާތްގަނޑަކަށް ތިން ކްރޯޑް ދަތުރުވެރިންގެ ޑޭޓާ ހެކްކޮށް ޑާކް ވެބްގައި ވިއްކަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ކުރިން ވެސް ޗައިނާގެ ހެކަރަކު ވަނީ ނިއު ދިއްލީގެ އެއިމްސްގެ ޓެކްނިކަލް ސިސްޓަމްތައް ހެކްކޮށްފައެވެ. ހަގީގަތުގައި މުޅި ސާވާ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އެ ސާވާ އެމީހުންގެ އަތުން އަނބުރާ ނެގި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައިބާ ހެކަރުންގެ ގްރޫޕަކުން ހިންގަމުން އަންނަ ފޯރަމެއްގައި ވިއްކަން ފަށާފައިވާ އިންޑިއަން ރޭލްވޭގެ ޑޭޓާގައި ޔޫޒަރ ޑޭޓާ އާއި އެންމެ ފަހު މަހުގެ އިންވޮއިސްތައް ހުރި ކަމަށް ނިއުސް އެޖެންސީ އައިއޭއެންއެސް އިން ބުނެއެވެ.
"ހެކްކޮށްފައިވާ ޑޭޓާގައި ޔޫޒާނޭމް، އީމެއިލް، މޮބައިލް ނަމްބަރު، ޖެންޑާ، ފުލް އެޑްރެސް އަދި އެމީހުންގެ އެހެނިހެން ޒާތީ މައުލޫމާތުތައް އެބަހުރި. އެ ޑޭޓާއަކީ އިންޑިއަން ރޭލްވޭ ޕޯޓަލް އިން ޓިކެޓް ބުކް ކުރާ މީހުންގެ ޑޭޓާ،" އައިއޭއެންއެސް އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.
"ޝަދޯހެކަރް" ގެ ނަން ބޭނުންކުރާ މިހެކަރު ވަނީ ސަރުކާރުގެ އީމެއިލް އައިޑީ އާއި އެ މީހުންގެ ފޯނު ނަންބަރުތައް ހުރި ސަރުކާރުގެ ފަރާތްތަކުގެ ޑޭޓާ ވެސް އޭނާގެ އަތުގައި އެބަހުރި ކަމަށް ބުނެފައެވެ.
މިކަމާ ގުޅޭ ގޮތުން އިންޑިއާގެ ރޭލްވޭއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މިއީ އިންޑިއަން ރޭލްވޭ ޓިކެޓް ގަންނަ ފަރާތްތަކުގެ ޑޭޓާ ހެކްކުރި ދެވަނަ ފަހަރެވެ.