ތެހެރާން (އެޕްރިލް 11): އީރާނުގެ އެތެރޭގައި ބޮންގޮއްވައި ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގަން މަސައްކަތްކުރަމުން ގެންދިޔަ އިސްރާއީލުގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ހައްޔަރުކޮށްފިކަން އީރާނުން ހާމަކޮށްފި އެވެ.

މިކަން ހާމަކުރަމުން އީރާނުގެ ޖާސޫސީކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ ހައްޔަރުކުރި ޓެރަރިސްޓް ޖަމާއަތަށް ފައިސާއާއި ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދީ ތަމްރީންތައް ދީފައި ވަނީ އިސްރާއީލުންކަން އެމީހުންގެ ބަޔާންތަކުން ހާމަވެފައިވާ ކަމުގަ އެވެ. އީރާނުގެ އެތެރޭގައި ޓެރަރިސްޓް ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ލުއިހަތިޔާރާއި ގޮވާތަކެއްޗާއި ޢަސްކަރީ ކޮމިއުނިކޭޝަނުގެ ވަސީލަތްތަކާއި އާލާތްތައް އެމީހުންގެ އަތުން އަތުލައިގަނެފައިވާ އިރު މީގެތެރޭގައި ގިނައީ އިސްރާއީލުގައި އުފައްދާފައިވާ ހަތިޔާރާއި ވަސީލަތްތައް ކަމަށް ޚަބަރު ލިބެ އެވެ. ނަމަވެސް އިސްރާއީލުގެ ޓެރަރިސްޓް ޖަމާއަތުގައި ހިމެނޭ މީހުން ނިސްބަތްވަނީ ކޮން ޤައުމުތަކަކަށްކަން އީރާނުން ހާމަކޮށްފައެއްނުވެ އެވެ.

އީރާނުން ވަނީ މީގެކުރިން ވެސް އިސްރާއީލަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތްތައް ހައްޔަރުކޮށްފަ އެވެ. ފާއިތުވެދިޔަ ތިން އަހަރުތެރޭގައި އީރާނުގައި މަރާލާފައިވާ ނިއުކްލިޔާ ދެ ސައެންޓިސްޓުންނާއި ރޮކެޓް ސައެންސްވެރިއެއްގެ މަރުގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް ވެސް އީރާނުން ތުހުމަތުކުރެ އެވެ. އަދި 2011 ގައި އީރާނުގައި ހިންގި ބޮންގޮއްވުމުގެ ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިއޮތީ ވެސް އިސްރާއީލުކަމަށް އީރާނުން ތުހުމަތުކުރެ އެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކުރެވިފައިވެ އެވެ. މިގޮތުން 2007 ވަނަ އަހަރު ދުބާއިގައި އަވަހާރަކޮށްލެވުނު ފަލަސްތީނުގެ ޙަމާސް ޖަމާއަތުގެ ވެރިއެއް ކަމަށްވާ މަހްމޫދް އަލްމަބްޙޫހު އަވަހާރަކޮށްލި ޓެރަރިސްޓުންގެ ފަހަތުގައިވަނީ ވެސް އިސްރާއީލުކަން ހާމަވެފައިވެ އެވެ.

ފަލަސްތީނުގެ ލީޑަރަކު އަވަހާރަ ކޮށްލުމަށްޓަކައި އުރުދުންގައި ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގިކަމުގެ ތުހުމަތު ވެސް އިސްރާއީލުގެ މައްޗަށް ކުރެވިފައިވެ އެވެ. (އަލްޖަޒީރާ)