ސޯޝަލް މީޑިއާގެ އެންމެ ނުފޫޒުގަދަ އެކަކު އަދި މަޝްހޫރު ސޯޝަލައިޓް ކިމް ކާޑޭޝިއަން އަށް އޭނާގެ ކުރީގެ ފިރިމީހާ އަދި ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓާ އެކު ދަރިން ބަލަން ނުވަތަ ކޯޕޭރެންޓް ކުރަން އުނދަގޫ ކަމަށް އޭނާ ބުނެފިއެވެ.

ކިމް އާއި ކާންޔޭގެ ގުޅުމަށް ނިމުމެއް އައިސް ދެމީހުން ވަރިވެ ވަރި ފައިނަލް ވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ކިމް އާއި ކާންޔޭގެ ގުޅުން ރޫޅާލި ހިސާބުން ކާންޔޭގެ ފަރާތުން ފެންނަމުން އައީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި އަމަލުތަކެކެވެ.

އަދި އެންމެފަހުން ކާންޔޭގެ އަމަލުތައް ގޯސްވެ ގިނަ ބައެއްގެ މެދުގައި އޭނާ އަށް ނަފުރަތު އުފެދި ހުރިހާ ކުންފުނިތަކުން އޭނާ އާއެކު ވެފައިވާ އެއްބަސްވުންތައް ވަނީ އަނބުރާ ގެންގޮސްފައެވެ. މިހާލަތުގައި ކަންތައް އޮތް އިރު ގިނަ ބަޔަކު ކާންޔޭ ވީ ނުވީއެއް ހޯދަމުން އަންނަތާ ވެސް ދުވަސްކޮޅެއް މިހާރުވެއްޖެ އެވެ.

ވަރިއާ ގުޅޭގޮތުން ކިމް މީގެ ކުރިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ރޭޑިއޯ ހޯސްޓް އެންޖީ މާޓީނޭޒްގެ "އައިއާރުއެލް" ޕޮޑްކާސްޓުގައި ވާހަކަ ދައްކަމުން ވަނީ ދެމީހުން ދަރިން ބެލުމުގެ ވާހަކައަށް ކިމް އަލި އަޅުވާލާފައެވެ.

https://www.youtube.com/watch?v=Y5pBkYb0jSw&t=464s

ކިމް ބުނިގޮތުގައި ކާންޔޭ އާ އެކު ދަރިން ބެލުން ވަރަށް އުނދަގޫ ކަމަށެވެ. ކިމް ބޭނުންވަނީ ބޭރުގައި ކާންޔޭގެ އަމަލުތަކާއި ކާންޔޭ އާ ދައްކާ ވާހަކަތަކުން އޭނާގެ ދަރިންތައް ސަލާމަތް ކުރުމަށް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެމީހުންގެ އާއިލާއާއި ސޯޝަލް މީޑިއާ އޮންނަ ގާތް ގުޅުމާއެކު އެ މަސައްކަތަކީ ފުލްޓައިމް މަސައްކަތެއް ކަމަށާއި ހުރިހާ ކަމަކުން އެ ކުދިން ސަލާމަތް ކުރުމަށް ވަރަށް ވަރުގަދައަށް މޮނިޓާ ކުރާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ކިމް ބުނީ އޭނާގެ ބައްޕަ މަރުވުމުގެ ކުރިން އޭނާގެ ބައްޕައާ ދެމެދުގައި އޮތީ ފުރިހަމަ ގުޅުމެއް ކަމަށެވެ. އެފަދަ ގުޅުމެއް ކާންޔޭ އާއި އޭނާގެ ދަރިންނާ ދެމެދުގައި އޮތުމަކީ ވެސް އޭނާ ބޭނުންވާ ކަމެއް ކަމަށް ކިމް ބުންޏެވެ.