29 Dec 2022, 08:57
ސޯޝަލް މީޑިއާއި ބޭރުގެ ނޫސްތަކުން މިއަހަރު އެންމެ ގަދައަށް އިވެމުން އަންނަ އެއް އަޑަކީ ނެޕޮޓިޒަމް ދަރިންގެ ވާހަކައެވެ. މީޑިއާގެ އެކި ދިމާލުން "ނެޕޮ ބޭބީ" ކިޔައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް މީހެއްގެ ވާހަކަ ދައްކާނެއެވެ. ނަމަވެސް މިއީ ކޮން ވާހަކައެއް ހެއްޔެވެ؟
ނެޕޮޓިޒަމް ދަރިންނަކީ މަޝްހޫރު އަދި ނުފޫޒުގަދަ މީހުންގެ ދަރިންނަށް ދީފައިވާ ނަމެކެވެ. މިއީ އިތުރު މަސައްކަތެއް ކުރުމެއް ނެތި އާއިލާގެ ނުފޫޒުގެ އެހީގައި ބޭނުން ދާއިރާއެއްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދާ ދަރިންނެވެ. ނުފޫޒުގެ އެހީގައި އެކި ކަހަލަ ކުރިއެރުންތައް މި ތަރިންނަށް ލިބޭއިރު ދާއިރާތަކުން އެތައް އަހަރެއް ވަންދެއް މަސައްކަތް ކުރާ މީހުން ގިނަ ފަހަރަށް ވަނީ މި މީހުންނާ ހެދި ބާކީ ވެފައެވެ.
ނެޕޮޓިޒަމް ބޭބީތަކުގެ ވާހަކަ އަށް ބަލާނަމަ އެންމެ ގިނައިން ދައްކަނީ ހޮލީވުޑް އާއި ބޮލީވުޑްގައި މިހާރު މަސައްކަތް ކުރާ ޒުވާން އެކްޓަރުންނާ ލަވަކިޔުންތެރިންގެ ވާހަކައެވެ.
މި އެކްޓަރުންނާއި ތަރިންނަށް އަމާޒުކިޔައި ނިއުޔޯކް މެގަޒިން އިން މިއަހަރު ނެރުނު ރިޕޯޓަކުން އެތައް ބަޔަކު ސިއްސުވާލިއެވެ. އޭގެތެރޭގައި ދުވަހަކު ވެސް ގިނަ ބަޔަކު ހީ ނުކުރާ އާޓިސްޓުންނަކީ ވެސް ދާއިރާއަށް ކޮންމެވެސް ގޮތަކަށް ވަރުގަދަ ނުފޫޒެއް އޮތް އާޓިސްޓުންތަކެއް ހިމަނާފައިވެއެވެ.
އެންމެ ގިނަ ބަޔަކަށް އެނގޭ ޒުވާން ނެޕޮ ބޭބީތަކުގެ ތެރޭގައި މިހާރު ހިމެނެނީ މޯޑް އެޕަޓޯ އާއި ޒޯއީ ކްރެވިޓްސް އާއި ލިލީ ރޯޒް ޑެޕްގެ އިތުރުން މާޔާ ހޯކް އާއި އަލެގްޒެންޑާ ސްކާސްގާޑް އެވެ. މިއީ މި ދުވަސްވަރު ހޮލީވުޑްގައި އެންމެ ބިޒީކޮށް މަސައްކަތް ކުރާ އާޓިސްޓުންނެވެ.
https://twitter.com/aiyanaish/status/1604829670217863170
މި އާޓިސްޓުން އިންޑަސްޓްރީއަށް ނުކުމެ ގިނަ ދުވަސްތަކެއް ނުވެ އެންމެ ބޮޑެތި ބްރޭންޑުތަކާއި ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުނެވެ. ނަމަވެސް މި ފުރުސަތު ލިބިފައިވަނީ އެ އެކްޓަރުންގެ މޮޅުކަމަށް ވުރެ އެމީހުންގެ ހުރި "ކަނެކްޝަން"ތަކުގެ ސަބަބުންނެވެ.
ގިނަ މީހުން ނެޕޮ ބޭބީތަކުގެ މަތިން ފޫހިވަނީ އެމީހުންނަށް ފުރުސަތުތައް ލިބޭ ވަރަށް ވުރެ ބޮޑަށް އެމީހުންނަށް ލިބިފައިވާ ޝަރަފު ނުވަތަ ޕްރިވިލެޖް އެމީހުން ގަބޫލު ނުކުރާތީއެވެ. އެމީހުން ގިނަ ފަހަރަށް ދައްކާނީ އެއް ވާހަކައެކެވެ. އެއީ ބުރަ މަސައްކަތުން ކޮންމެ މީހަކަށް ވެސް ކާމިޔާބީ ލިބޭނެ ކަމަށެވެ. ނަމަވެސް އެމީހުންނަށް ކާމިޔާބު ލިބުމުގެ ފަހަތުގައި ވަނީ ބުރަ މަސައްކަތް ނޫން ކަމަށް ގިނަ ބަޔަކަށް އެނގޭނެއެވެ.