29 Dec 2022, 08:54
މިއުޒިކް އައިކަން އެއް ކަމަށްވާ ޖަމައިކާގެ ލަވަކިޔުންތެރިޔާ ބޮބް މާލީގެ ކާފަ ދަރި ޖޯ މާސާ މާލީ އުމުރުން 31 އަހަރުގައި މަރުވެއްޖެއެވެ.
ޖޯގެ ރެޕްރެޒެންޓެޓިވް އެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި މިދިޔަ އަންގާރަ ދުވަހު ޖޯ މަރުވެފައި ވާ ކަމަށެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ބޮބް މާލީއެކޭ އެއްގޮތަށް ޖޯ ވެސް ވަނީ މިއުޒިކުގެ ދާއިރާއަށެވެ. އަދި ބޮބް މާލީ އާ އެއްފަދައިން ޖޯ ވެސް ލަވަތައް އުފައްދަން ފެށީ ރެގޭ ޖާންރާއަށެވެ. ބޮބް މާލީގެ ދަރިފުޅު ސްޓެފެންގެ ފިރިހެން ދަރި ޖޯ އެންމެ ފުރަތަމަ ސިންގަލް އެއް ނެރެފައިވަނީ 2010 ވަނަ އަހަރުގައެވެ. "މައި ގާލް" ނަމަކަށް ކިޔާ އެ ލަވަ އަކީ އޭނާގެ ފުރަތަމަ އީޕީގައި ވެސް ހިމެނޭ ލަވައެކެވެ.
މި އީޕީ 2014 ވަނަ އަހަރުގައި ނެރެ އޭނާގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ މިދިޔަ އަހަރުގައެވެ.
ރޯލިން ސްޓޯނަށް ދިން އިންޓަވިއުއެއްގައި ޖޯ ބުނެފައިވަނީ އޭނާ އުޅެ ބޮޑުވީ މިއުޒީޝަނުން ވަށައިގެންވާ މާހައުލެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން މިއުޒިކަށް ލޯބި ޖެހި އެ ދާއިރާއަށް ވަނުމަށް ބޭނުންވި ކަމަށް އޭނާ ބުންޏެވެ.
އަމިއްލަ މިއުޒިކް އުފައްދަން ފެށިއިރު ބޮބް މާލީ ވަރަށް ބޮޑު އިންސްޕިރޭޝަނަކަށް ބެލި ކަމަށް އޭނާ ބުންޏެވެ. އޭނާގެ ކާފައަކީ މިއުޒިކް ލެޖެންޑަކަށް ވުމުން އޭނާގެ އަމިއްލަ ނިޝާނެއް އިންޑަސްޓްރީއަށް ދޫކުރަން ބޭނުންވި ކަމަށް ޖޯ ބުންޏެވެ.
ބޮބް މާލީ އަށް 11 ދަރިއަކު ވަނީ ލިބިފައެވެ. ސްޓެފެން އަކީ އޭނާގެ ހަތަރުވަނަ ދަރިއެވެ. ބޮބް މާލީއަށް ކާފަ ކިޔާ 40 ދަރިން ތިބެއެވެ.