ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ވާދަކުރީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ދެކޮލަށެވެ. މި މެޗު ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ކުރީ 12-21 އިން ދެ ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ.

ދެވަނަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ކުޅެން ޖެހުނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ފަސޭހަކަމާއެކު ރާއްޖޭގެ ޕެއާ ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ގެންދިޔައީ 21-09، 21-09 އިންނެވެ. މިއާއެކު މި ދެ ކުޅުންތެރިންނަށް ސެމީގެ ޖާގައެއް ކަށަވަރުވިއިރު، ގްރޫޕްގެ ފަހު މެޗުގައި މާދަމާ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ނުކުންނާނީ ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާ ދެކޮޅަށެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި މި ފަހަރު ވާދަކުރާ ރާއްޖޭގެ ދެވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާއެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފައެވެ.

އެހެންކަމުން ސެމީގެ ޖާގައެއް ހޯދުމަށް މި ދެ ކުޅުންތެރިންނަށް އޮތް މަގަކީ، މާދަމާ ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާގެ މައްޗަށް ކުރިހޯދުމެވެ.