ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ.

އެ ދެ ބޭފުޅުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ބަރުލަމާނީ ނިޒާމުގެ ދަށުން، ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވޯޓަކަށް ދެވޭނީ ވެރިކަން ކުރާ ކޯލިޝަނުގެ ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އަދި، ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް، ހުށަހަޅުއްވާ ހުށަހެޅުއްވުމެއްގައި ގޮތެއް ނިންމެވޭނީ ދެން ތިބި އެންމެންގެ މަޝްވަރާގެ މަތީން ކަމަށާއި، މިވަގުތު އެ ދެ ބޭފުޅުންގެ ދެމެދުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ މައިގަނޑު ސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަންތައްތައް ވެރިއަކަށް ހުންނަ މީހަކު ނިންމަވަން ވާނީ މަޝްވަރާގެ މަތިން. ގިނަ ބައެއްގެ މަޝްވަރާގެ މަތިން. އެހެންވީމަ އަޅިގަނޑުގެ ވިސްނުން އެއިރަކު އެކަމެއްގައި ހުންނަ ގޮތް ހިއްސާ ކުރުމަށްފަހުގައި އަޅުގަނޑު ނިންމާ ނިންމުމަކާއެކު ކުރިއަށްދަނީ. މިއަދު އަޅުގަނޑު ވެރިކަމުގައި ހުރެ ނިންމާ ނިންމުންތައްވެސް ނިންމަން ވާނީ އެގޮތަށް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

މީގެއިތުރުން، ރައީސް ވިދާޅުވީ ޚިޔާލުތަފާތުވުން އަބަދުވެސް އޮންނާނެ ކަމަށާއި، އެމަނިކުފާނު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ ކުރިމަތިވާނެ ކަމަށެވެ.

ސަރުކާރު ހިންގުމުގައި ކޯލިޝަން ބައިވެރިންގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާ ކަމަށާއި މިވަގުތު އެމަނިކުފާނުގެ އަމާޒަކީ ޕްރައިމަރީ ކާމިޔާބު ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.