ރާއްޖޭގައި މީހަކު މަރައިފި ކަމަށް، ވަޅި ހަރައިފި ކަމަށް ބުނެފިނަމަ ގައިން ހީބިހި ނަގައި ބިރުން ފިތްކަނޑައިގެން ދެއެވެ. އެކަމަކު އެއީ މީގެ ހައެއްކަ އަހަރު ކުރިންނެވެ. މިހާރު ހުރިހާ ކަމެއް ވެސް ބަދަލުވީ އެވެ. މާރާމާރީ ހިންގުން މީހަކު މާރާލުމާއި ވަޅި ހަރާ ޒަހަމް ކުރުމަކީ ދިވެހިންގެ ވެށީގައި މިހާރު އާ ކަމެއް ނޫނެވެ. އާންމު ވެފައި ކަމެކެވެ. ދިވެހިން ކުރާ ކުށުގެ ވައްޓަފާޅި އާއި ކުށަށް އަރައިގަތްނަން ގޮތާއި ހާލަތު ވަނީ މުޅިން ބަދަލު ވެފައެވެ. ތަފާސް ހިސާބުން ގްފާކޮށްދެނީ ކޮންމެ ދުވަހަކަށް އެފަދަ ބިރުވެރި އެތައް ހާދިސާއެއް ރާއްޖޭގައި މިހާރު ހިނގަމުންދާ ކަމެވެ.

މިދިއަ ހައެއްކަ އަހަރު ވެސް ދެކެވުނީ ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި މީހުންގެ ގަޔަށް ވަޅިހަރައި މާރާމާރީ ހިންގުން ހުއްޓުވާލާނެ ގޮތެއް ވާހަކަ އެވެ. އަބަދުވެސް ދެކެވެނީ އެފަދަ އަމަލުތައް ހިނގަން މެދުވެރިވަނީ ކީއްވެގެންތޯ ބަލަން ފިޔަވަޅު އަޅާ ވާހަކަ އެވެ. އެއިން އެއްވެސް ކަމެއް ނުކުރެވި މައްސަލަ ދަނީ ގޯހުން ގޯހަށެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިގޮތުގައި ރާއްޖޭގެ މިހާލަތަށް މެދުވެރިވި ސަބަބަކީ ގައުމުގެ އިޖުތިމާއީ އަދާލަތު ފުނޑުފުނޑުވެގެން ދިއުމުގެ ސަބަބުންނެވެ. އިޖުތިމާއީ އަދާލަތު ފުނޑުފުނޑުވެގެން ދިޔައީ ގައުމުގައި އިސްކޮށްތިބި މީހުނާއި ފައިސާގެ ނުފޫޒު ފޯރުވޭ މީހުން ޒުވާނުންގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައި އެއީ "ލީޑަރުން" ނަށް ހަދައިގެން އަމިއްލަ މަސްލަހަތު ރައްކާތެރިކުރަން ނުކުތުމުގެ ސަބަބުންނެވެ.

ޝާހު ވިދާޅުވި ގޮތުގައި ރާއްޖެއަށް އާންމުވެފައި އަނިޔާވެރި ކަމުގެ ކުށްތައް ކުރުން ހައްލުކުރުމަށްޓަކައި ކިތަންމެ ބޮޑު އަދަބެއް ދިނަސް ދެނެއް އެކަމެއް ހައްލެއް ނުކުރެވޭނެ އެވެ. އަދި ކިތަންމެ މޮޅު ގާނޫނެއް ހެދިޔަސް މައްސަލައަށް ދެނެއް ހެއްލެއް ނެތެވެ.

"އެބޭފުޅުން [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] ސަންސެޓް ގާނޫނެއް ހެދިޔަސް ވަރިހަމަ މޫންސެޓް ގާނޫނެއް ހެދިޔަސް މިކަމެއް ހައްލެއް ނުކުރެވޭނެ،" ޝާހު އިންޒާރު ކުރެއްވި އެވެ.

ޝާހު މިސާލެއް ދެއްކެވި އެވެ؛ އެއީ ބައްޔެއް ރަނގަޅު ކުރެވޭނީ އަދި ފަރުވާ ދެވޭނީ ބަލި އެނގިގެނެވެ. އެހެން ކަމުން ރާއްޖޭގައި ހިންގަމުން ދާ މާރާމާރީތަކާއި ތަޅާފޮޅުމާއި ލޭއޮހުރުވުމާއި މީހުން މެރުން ހުއްޓުވާލަން ޖެހޭނީ ކުށްކުރާ ސަބަބު ފުރަތަމައަށް ހޯދިގެނެވެ. . އެހެންނޫނީ މައްސަލައަށް ފަރުވާއެއް ނުލިބޭނެ އެވެ.

"ވާހަކަ ނުދެކޭ ކުޑަކުއްޖަކު މިސާލަކަށް ރޯންފެށީ އެކުއްޖާގެ މަންމަ އެންމެ ފުރަތަމަ ބަލާނީ ތަދުވަނީ ކޮންތާކަށްތޯ އަދި އޭނައަށް ވަނީ ކޮން އުނދަގުލެއްތޯ އޭގެ ފަހުގަ ފަރުވާއެއް ދެވޭނީ. ހަމައެގޮތަށް ކުށްކުރާ ސަބަބު އެބަޖެހޭ ފުރަތަމަ ދެނެގަންނަން،" ޝާހު ވިދާޅުވި އެވެ.

އެހެން ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ރާވައިގެން ކުރެވޭ ނުރައްކާތެރި ކުށްތައް ދެނެގަތުމަށްޓަކައި ޖަލުގައި ހުކުމްކޮށްފައި ތިބި މީހުންނާއި، އަނިޔާ ލިބިފައިތިބި މީހުންނާއި މުޖުތަމައުތެރޭގައި ތިބި ހަރު މީހުންނާއި، މުސްކުޅިންނާއި އަދި ކުޑަކުދިންނާއި އިންޓަވިއުކޮށް ހަރުދަނާ ދިރާސާއެއް ކުރަން ޖެހެ އެވެ. އިލްމީ މީހުންނާއެކު ބަހުސްތައް ބާއްވާ މިކަންކަމާއި ބެހޭ ދިރާސާއެއް ހަދައިގެން ނޫނީ މައްސަލަ ދިމާވި ހިސާބާ މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއް ނުހޯދޭނެ އެވެ.

" ގާނޫނުތައް ހެދިޔަކަސް މިކަމެއް ނުހުއްޓޭނެ، މިހަކު މެރުމުން ތުހުމަތުވާ މީހުން ހައްޔަރުކޮށް، އަދި ސާބިތުވުމުން ހުކުމުން ކުރިޔަސް މި ކަމެއް ނުހުއްޓޭނެ. ބަދަލުގައި ކުރިލައި ހެދެމުންދާނީ. އަދި އޭރަކަށް މިކަމުގެ ސަބަބެއް ވެސް ނުފެންނާނެ،" ޝާހު ވިދާޅުވި އެވެ. "ބުރެއް ފުރިހަމަ ވާންޖެހެނީ. ކީއްވެގެންތޯ މައްސަލަ އުފެދުނީ، ކޮން ސަބަބަކާ ހުރެތޯ؟ ކިހާ ހިސާބަކުންތޯ، މިހެން ގޮސް ބުރު ވަށައި ފުރިހަމަވާ ހިސާބުގައި އޭގެ ހައްލު އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

އާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިހާތަނަށް ދެއްކެވި ހުރިހާ ވާހަކަފުޅެއްގައި ވެސް އަމާން ވެއްޓެއް ގާއިމު ކުރުމަށް ގޮވާލައްވާފައި ވެއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އެއާއެކު އެމަނިކުގެ ވެރިކަމުގައި މިދިޔަ މިދިއަ ދެމަހެއް ދުވަހުގެ ތެރޭގައި ވެސް ވަޅި ހެރުމާއި މާރާމާރީ ހިންގުމަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

ސްޕޯކްސް އައްބާސް އާދިލް ރިޒާ ވިދާޅުވިގޮތުގައި ކުށްކުރާ މީހުންނަކީ އެހެން ރައްޔިތުންގެ އިންސާނީ ހައްގުތައް ނިގުޅައިގަންނަ މީހުން ކަމަށްވާތީ އެ މީހުން މުޖުތަމައުއިން އެކަހެރި ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ މިކަންކަން ހައްލު ނުކުރެވޭނެ އެވެ.

"މިކަންކަން ހައްލުކުރުމަށްޓަކައި ކުށްކުރާ މީހުން މުޖުތަމައު އިން އެކަހެރި ކުރަން އެބަޖެހޭ،" އައްބާސް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ބޭނުންތަކަށް ކުށްވެރިން ބޭނުކުރަމުން ގެންދާކަމަށާއި މައްސަލައަށް ހައްލު ހޯދަން ސިޔާސީ ބޭނުންތަކަށް ކުށްވެރިން ބޭނުންކުރުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވި ގޮތުގައި މިހާރު މިއޮތް ހާލަތަށް މިކަންކަން މެދުވެރިވާން ދިމާވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މާލޭގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތި، ގޭގޭގައި މީހުން ތޮއްޖެހިފައި ތިބުމާއި، ވަރި ގިނަވެ ކުދިންނަށް އަސަރު ކުރުމާއި ރާއްޖޭގައި މަސްތުވާތަކެތީގެ ކަންތައް ކޮންޓްރޯލް ނުކުރެވި އޮތުމާއި ކުރީއްސުރެ ސްކޫލްގެ ނިޒާމް ރަނގަޅަށް ހަރުދަނާ ނުކުރެވި އޮތު ހިމެނޭ ކަމަށް އޭނާ ވިދާޅުވެ އެވެ.

"ތޮއްޖެހުމާއި މީހުން އުޅޭނެ ތަނެއް ނެތުމާ ވަރި ގިނަވުމުން ކުދިންނަށް ކުރާ އަސަރާއި ކުރީގަ ސްކޫލް ސިސްޓަމް ރަނގަޅަށް މެނޭޖް ނުކުރެވި އޮތް އޮތުމާއި މިކަހަލަ ބައިވަރު ކަންތައްތަކެއް މިކަމުގައި އެބަހުރި،" އަހުމަދު ވިދާޅުވި އެވެ.

ޒުވާނުން ވަޒީފާއާ ނުލައި އެގޮތް މިގޮތަށް އުޅެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކެއް ހަމަޖެހިފައިނެތުމަކީ ވެސް ބައެއް ފަރާތްތަކުން ދައްކާ ސަބަބެކެވެ. އެ ބޭފުޅުން ދެކެ ވަޑައިގަންނަވާ ގޮތުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހަމަޖެހުމަކީ ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަމެކެވެ.

ކްރިމިނަލް ގިނަ ކުށްވެރިންގެ މައްސަލަތަކުގައި އާދަކޮށް ވަކާލާތު ކުރައްވާ އަބްދުﷲ ޝާއިރު ވިދާޅުވި ގޮތުގައި މާލޭގައި ގެދޮރުގެ ދަތިކަން ހުރުމުގެ ސަބަބުން މީހުން ތޮއްޖެހެން މެދުވެރިވުމަކީ މާރާމާރީތައް ހިނގުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބެވެ. ވިދާޅުވި އެވެ: "މަގުމައްޗަށް ކުދިން ނުކުންނަން މިޖެހެނީ ގެދޮރުގެ ދަތިކަން މާލޭގައި ހުރިގޮތުން ގޭތެރޭގައި އެކުދިންނަށް ނުތިބެވޭތީ އެކުދިން މަގު މައްޗަށް މިނުކުންނަނީ،"

ކުށްކުށުގައި ހުކުމް ތަންފީޒުކޮށް ނިމޭއިއިރު ރިހެބިލިޓޭޓް ކުރުމަށް ފަހު ވަޒީފާގެ ފުރުސަތުތައް ވެސް ހަމަޖައްސައިދޭން ޖެހެއެވެ. ކަމެއްނެތި މާލޭގެ މަގުމަތީގައި އުޅޭ ޒުވާންކުދިންނަށް ވެސް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަކީ މައްސަލަ ހައްލުކުރުމަށްޓަކައި އަޅަން ޖެހޭނެ ފިޔަވަޅެކެވެ.

"އެކަންކަން ހުއްޓުވަން އެންމެ މުހިންމު ކަމަކީ ކަމެއްނެތި މާލޭގެ މަގުމަތީގައި އުޅޭކުދިން ކުރާނެ މަސައްކަތެއް ދެއްކުން. އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުން،"

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ކުށްވެރިން މުޖުތަމައުތެރެއަށް ވަދެ ކުށްވެރިންތައް ދޫވެފައި ތިބުމުން ކިތަންމެ ބޮޑު ކުށެއްކުރިއަސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ނުލިބޭނެ ކަމަށް ކުށްވެރިންނަށް ޔަގީން ވެފައިވާ ނަމަ ކުށްކުރުން ދާނީ އިތުރުވަމުންނެވެ.

"ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެ، ކުށްވެރިންތަކެއް ދޫވެފައި ތިބީމަ އެ މީހުންނަށް ޔަގީންކަން އެބަ ލިބޭ ކިތަންމެ ބޮޑު ކުށެއް ކުރިއަސް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ނުލިބޭނެކަން،" ދިއެފް އެމްގެ ވަންޓޫ ބަން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވި އެވެ. އަނެއްކޮޅުން ފުލުހުން ބުނެފައި ވަނީ ކުށަށް އަރައި ގަތުމުގައި ބޭނުން ކުރާ އުކުޅުތައް ބަދަލުކޮށް ކުށްވެރިން ވެސް އެޑްވާންސްވެފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2008 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް މަރުގެ މައްސަލަތަކުގެ ގޮތުގައި 24 މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ތިން މީހަކު މަރާލި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދ. ކުޑަހުވަދޫގައި، ރަހުމްކުޑަގޮތަކަށް އެރަށު ސަމަންދަރުގޭ އަލީ ހަސަން މަރާލި މައްސަލާފައިވާއިރު ޖެހިގެން އައި ފެބުރުއަރީ މަހު ވަނީ ގުރޫޕަކުން ހަމަލާދިނުމަށްފަހު ގ.ވޭރު އަބްދުލް މޫހިތު މަރާލާފައެވެ. އަދި އޭގެ ފަހުން މިމަހުގެ ކުރީކޮޅު ވަނީ މ. ފެއަރީ ކޯނާ އަލީ ޝިފަންގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދިނުމަށްފަހު މަރާލާފައެވެ.
މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ގ. ސިނަމާލޭ ފްލެޓް ތެރެއިން ވެސް ވަނީ ޒުވާނެއްގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. މަރާއި ކުރިމަތިލާން ނުޖެހި އޭނާ ސަލާމަތްވިނަމަވެސް ރާއްޖޭގައި މާރާމާރީތައް ހިންގާ ގޮތަށް ބަލާއިރު އެއީ ވެސް މަރުގެ އެތިފަހަރެކެވެ. އާންމުގޮތެއްގައި ތޫނުއެޗިހި ބޭނުންކޮށްގެން މީހުން ހަމަލާދެމުން ދަނީ މީހުން މެރުމަށް ގަސްތުކޮށްގެން ކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.

"މިހާރު މިދޭ ހަމަލާތައް އަމާޒުވެފައި މިހިރީ ގަސްތުގައި މީހުން މަރާލުމަށް. އެކަކު މަރާފަ ދެވަނަ މީހާ މަރާފަ ތިންވަނަ މީހާ މަރާފަ ހުންނަ މީހާ އަށް އަދަބެއް ނުދެވެންޏާ އޭނާ ހަތަރުވަނަ މީހާވެސް މަރާނެ. އެކަކު މަރާލާ މީހާގެ ސާބިތު ހެކިތަކެއް ހުރެ އޭނައަށް މަރުގެ ހުކުމް ތަންފީޒު ކުރެވިއްޖެއްޔާ އޭނާ ދެވަނަ މީހަކު މަރާކަށް ނުދާނެ،" ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވި އެވެ.