28 Dec 2022, 17:54
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު އެންމެ ބޮޑު ގޮތަކީ އެމަނިކުފާނު ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރެއްވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއިން ބޭނުންވާނެ ކަމަށާއި، މިވަގުތު އެޕާޓީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ އެމަނިކުފާނަށް ޓިކެޓް ދިނުމުން ކަމަށެވެ.
ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޚަށް ނަޒަރު ހިންގާލާއިރު އެއްވެސް ސިޔާސީ ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އެހެންކަމުން، އެމްޑީޕީއިން ނުކުންނަ ކެންޑިޑޭޓަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި 50 ޕަސެންޓަށް ވުރެ ގިނައިން ވޯޓު ހޯދޭނެ ކެންޑިޑޭޓަކަށް ވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވި ނަމަވެސް، އެހެނިހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަނެއް ހަދައިގެން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެމަނިކުފާނަށް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިވަގުތު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުސަތު އެންމެ ބޮޑީ އަޅުގަނޑަށް. އަޅުގަނޑަށް އިރާދަ ކުރެއްވިއްޔާ އެ ޔަގީންކަން އެބައޮތް، ބައެއް ކަންތައްތަކުގައި އެއްގޮތް ނޫން މީހުންނާ އެކީވެސް ކޯލިޝަނެއް ހަދައިގެން ގޮސް ރިޔާސީ އިންތިޚާބު 2023 ވަނަ އަހަރު ކާމިޔާބު ކުރެވޭނެ ކަމަށް. އެ ފުރުސަތު އެހެން އޮތީމަ އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން މި ނިންމީ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ޕްރިއިމަރީގައި ވާދަކުރައްވާ ދެ ރައީސުންގެ ކެންޑިޑޭޓް ނަންބަރު އިއުލާނު ކޮށްފައި ވާއިރު، ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.