ކުވޭތު ފަންޑުގެ އެހީގައި ތަރައްގީ ކުރާ ހަތް ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އެ ފަންޑުގެ އެހީގައި 30 އެނދުގެ ހަތް ހޮސްޕިޓަލް އިމާރާތް ކުރާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ އޭޕްރީލް މަހުއެވެ. އެކަމަކު، އެކަން ކޮށްދޭނެ ބަޔަކު ނުވުމުން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ އަނެއްކާވެސް އިއުލާނުކޮށްފައެވެ.

ހޮސްޕިޓަލްތަކުގެ ބީލަންތަކުގައި ބައިވެރިވުމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މައުލޫމާތު ސާފުކުރަން އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެ ފަންޑުގެ ދަށުން ހޮސްޕިޓަލު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ:

  • ހދ. ހަނިމާދޫ

  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ކ. ތުލުސްދޫ
  • އދ. މާމިގިލި
  • ވ. ފެލިދޫ
  • ތ. ވިލުފުށި

ކުވެއިތު ފަންޑުގެ އެހީގައި އެޅުމަށް ނިންމައިފައިވާ މި ހޮސްޕިޓަލުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ ރަށަކަށް 35،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި އަހަރު ތެރޭގައި އިތުރު 12 ރަށެއްގައި އާ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

"މިފެށި ކަންކަން ދެން ދާނީ ފުރިހަމަވަމުން. ކުޅުދުއްފުއްޓާއި ލ. ގަމާއި ގދ. ތިނަދޫގައި 100 އެނދުގެ މިދެންނެވި ހޮސްޕިޓާތަކުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ހިނގާނެ އަދި މީގެ އިތުރުން ހަތް އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު އަދި 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ،" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.