28 Dec 2022, 19:21
މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ނިމުނު ވޯލްޑްކަޕުގައި، ފުޓުބޯޅަ ރަސްގެފާނު ލިއޮނަލް މެސީ ގަތަރުގައި ހުރި ކޮޓަރި މިއުޒިއަމަކަށް ބަދަލުކުރަން ނިންމައިފިއެވެ.
ވޯލްޑްކަޕްގައި އާޖެންޓީނާގެ ކުޅުންތެރިން ތިބީ ގަތަރު ޔުނައިވާސިޓީގައެވެ.
މުބާރާތް ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި، އެ ޔުނިވާސިޓީގައި މެސީ ހުރި ކޮޓަރި މިއުޒިއަމަކަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަކޮށް އެ ޔުނިވާސިޓީން ބުނީ، ދެން އެއްވެސް މީހަކަށް އެ ކޮޓަރި ނުދިނުމަށް އެ ޔުނިވާސިޓީން ނިންމާފައިވާ ކަމަށެވެ.
އެ ޔުނިވާސިޓީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން، ހަތުމީ އަލް ހަތުމީ ބުނީ މެސީ ހުރި ކޮޓަރީގެ އެއްވެސް ކަމެއް ބަދަލުނުކުރާނެކަމަށެވެ. އެ ކޮޓަރި ހުންނާނީ މެސީ ވޯލްޑް ކަޕަށްފަހު ގަތަރުން ފުރިއިރު ހުރިގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރީގައި ހުރި މެސީ ބޭނުންކުރި ބައެއް ތަކެތިވެސް މީހުންނަށް ފެންނާނެ ގޮތަށް ބަހައްޓާނެކަމަށް އޭނާ ބުންޏެވެ.
"މެސީ ބޭނުން ކުރި ތަކެއްޗަކީ ވަރަށް އަގު ބޮޑު އެއްޗެހި. އެ ތަކެތި ދަރިވަރުންނަށާއި އަންނަން އޮތް ޖީލަށް ފެންނާނެގޮތަށް ބެހެއްޓުމަކީ މުހިންމު ކަމެއް" ހަތުމީ އަލް ހަތުމީ ވިދާޅުވިއެވެ.
Qatar University announced that it would transfer the room in which Argentinian player Lionel#Messistayed during the FIFA World Cup Qatar 2022 into a small museum.#QNApic.twitter.com/2TRavJI2qL
— Qatar News Agency (@QNAEnglish)December 27, 2022
އެ ޔުނިވާސިޓީން މެސީ ހުރި ކޮޓަރި ތަރިކައެއްގެ ގޮތުގައި ރައްކާކުރަން ނިންމީ ވޯލްޑްކަޕްގައި އަދި ފުޓުބޯޅައިގެ ދުނިޔޭގައި މެސީ ހޯދައިފައިވާ ކާމިޔާބީ ތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.