އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން މަޖުބޫރުވީ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ވާދަކުރައްވައިފި ނަމަ، އެމަނިކުފާނަށް ދެވަނަ ބުރަކަށް ވަޑައިގެންނެވޭ ވަރަށް ވެސް ވޯޓު ނުލިބޭނެތީ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ ދެކޮޅަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާ، "ފިކުރެއްގެ ދިރުން" ޝިއާރުގައި ކުރިޔަށް ގެންދާ ކެމްޕޭން ރަސްމީކޮށް ފެއްޓެވުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރާއި ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޖޯޝުން ފުރިގެން އޮތް މާހައުލުގައި ހަރު އަޑުން ނަޝީދު ފުރަތަމަ ވެސް ވިދާޅުވީ "އަޅުގަނޑު މިހުރީ އަނެއްކާވެސް ނުކުމެ" ކަމަށެވެ.

"އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަށް ނުކުމެ. އަޅުގަނޑު މި މަސައްކަތުގައި އިރާދަކުރެއްވިއްޔާ ދެމި ހުންނާނަން. ޖަނަވަރީ 28 ވަނަ ދުވަހާ ޖެހެންދެން ކޮންމެ ދުވަހަކު، ކޮންމެ ދުވަހަކު އިރާދަކުރެއްވިއްޔާ އަޅުގަނޑު މި މަސައްކަތުގައި ދެމި ހުންނާނަން" އެމަނިކުފާނު ވާހަކަފުޅު ފެއްޓެވިއެވެ.

އަޅުގަނޑު ނުކުމެ މިހުރީ ލަކުނު މަދުވެގެނެއް ނޫން، ލިބުނު ގެއްލުން ކުޑަ ވެގެނެއް ނޫން. އަޅުގަނޑު ނުކުމެ މިހުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އަލުން އަނބުރާ ތިޔަ ބޭފުޅުންނަށް ހަވާލުކުރުމަށްނަޝީދު

ފޯރީގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމުގައި ވެއްޖެ ނަމަ، އެޕާޓީއަށް 20 އިންސައްތަ ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

އެގޮތުން ސަރުކާރު ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސަށް ތާއީދު ކުރެއްވި ނަމަވެސް އެބޭފުޅުންގެ ގާތްތިމާގެ ބޭފުޅުންނާއި އާއިލާއާއި ރަހުމަތްތެރިން ތިބީ ސަރުކާރަށް ވޯޓު ދޭ ގޮތަކަށް ނޫން ކަމަށެވެ.

"މިފަހަރު އެބޭފުޅުން އަޅުގަނޑުމެން ގާތުގައި ވަރަށް ސާފުކޮށް ވިދާޅުވަނީ ބުންޏަސް [ރައީސަށް ވޯޓެއް] ނުދޭނަމޭ" ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީވަންތަކަން ގެއްލުވާލައިފި"

ޖަލްސާއަށް އެއްވެ ތިބި ސަޕޯޓަރުން ފޯރި ނަގަމުން ދިޔައިރު ނަޝީދު ގެންދެވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން، ރައީސް ޞާލިހާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން މިދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރެއްވީ އެމްޑީޕީގެ އެތައް މެންބަރުންނަކާއި ހުދު ނަޝީދު ޕާޓީން އެކަހެރި ކުރުމަށް ކަމަށް ވިދާޅުވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

"އެ ބޭފުޅުންގެ ވިސްނުމަކަށް ވީ އެމްޑީޕީގެ ކުލަޔާއި، އެމްޑީޕީގެ ލޯގޯއާއި، އެމްޑީޕީގެ ޖޯޝު އެބޭފުޅުން ބޭނުން ކުރައްވައިގެން މި ޕާޓީގެ އެތެރެ ބަދަލުކުރަން. 39،000 މެންބަރުން، މި ޕާޓީން ވަކިކުރީ މި ދެންނެވި އަނެއް ޕާޓީއަށް މި ޕާޓީ ހެދުމަށް" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެކަމަށް ދުވަހަކުވެސް އެއްބަސްނުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީ މެންބަރުންގެ ތާއީދު ވެސް ރައީސް ޞާލިހަށް ގެއްލިފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ފަދަ، ދިވެހި، އިސްލާމީ ވެރިކަމެއް ކޮށްދެވޭނީ އެމަނިކުފާނަށް ކަމަށެވެ.

"އިއްތިހާދޭ ބޭނުންވަނީ ވިދާޅުވެއްޖެ. އެހެން ވިއުގައެއް އެބައޮތޭ ވިދާޅުވެއްޖެ. އެމްޑީޕީ ސްލޮޓްގައި ވަޒީފާތަކުގައި ތިބޭނީ މާ ދުރުން އަންނަ އެހެން ބައެކޭ ވިދާޅުވެއްޖެ. މުޅިން ބަދަލު ކުރައްވައިފި. 70،000އަށްވުރެ ގިނަ ވޯޓު ރައީސް ޞާލިހް އަމިއްލައަށް ގެއްލުވާލައިފި" ނަޝީދު ވިދާޅުވިއެވެ.

"ނުވި ނުވި، ރިއެކްޓެއް ނުކުރެއްވި"

ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެކުލަވައިލި މެނިފެސްޓޯ ބޮލާލާ ޖަހާފައި ވެރިކަން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ޞާލިހާއި އެޕާޓީގެ މެންބަރުންނާ މެދުގައި އޮތް ގުޅުން ހީނަރުވެގެން ގޮސްފައިވާ ކަމަށެވެ.

"އެއް ކަމެއް ވެސް ނުވި. މަހުގެ އަގު އޮތީ އޮތް ތަނުގައި. ތެލުގެ އަގު އިންތިހާއަށް އަރައިގެން ހިނގައްޖެ" އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން މަލާމާތް ރާގެއްގާ ނަޝީދު ވިދާޅުވީ ރައީސް ޞާލިހަށް އެއްވެސް ކަމެއް ނުކުރެއްވުނު ކަމަށާއި 'ރިއެކްޓެއް ނުކުރެއްވި' ކަމަށެވެ. އެގޮތުން، މި ސަރުކާރު ނިމޭއިރު މި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި އެހެންވެ، ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ރައީސަށް ވޯޓު ނުދޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

"ނުވި، ނުވި ނުވި، ރިއެކްޓެއް ނުކުރެއްވި" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މެނިފެސްޓޯއަށް ކަމަށާއި އެތައް ވައުދެއް ވެގެން ވެރިކަމަށް އައިސް އެ ކަންކަން ފުއްދަވައިދެއްވުމަށް ރައީސް ޞާލިހް މަސައްކަތް ނުކުރައްވާ ކަމަށެވެ. އެހެންވެ، އެމަނިކުފާނު ވާދަ ކުރައްވާ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީއަށް ލިބޭނީ 20 އިންސައްތަ ވޯޓު ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.