"ބިކޯޒް އައި ލައިކް ޔޫ..." ހިމޭން ވަގުތުކޮޅަކަށްފަހު، ނާޒިލް ހާމަކޮށްލި ވާހަކައަކުން މިޝްޔާގެ ހިތަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސައިލިހެންނެވެ.

ނާޒިލްގެ އެ ޖަވާބަކީ ފަހަރެއްގައިވެސް މިޝްޔާ ހީކުރިފަދަ ޖަވާބެއް ނޫނެވެ. އުންމީދުވެސް ނުކުރާ ޖަވާބެއް ނާޒިލްގެ ފަރާތުން ލިބުމާއެކު، މިޝްޔާއަށް ލިބިފައިވަނީ ކުއްލި ޝޮކެކެވެ. އޭނާއަށް ބުނާނެއެއްޗެއް ނޭނގިފައި އިނދެވުނު ނަމަވެސް، ނާޒިލްގެ އެ ވާހަކައިން އޭނާއަށް އުފާވެރިކަމެއް ލިބިފައިވެއެވެ. މީގެ ކުރިން ނުކުރެވޭ ފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނުއިރު، އެއީ އެފަދަ ގޮތަކަށް މީހަކު އެހާ ފާޅުކަން ބޮޑުގޮތެއްގައި އޭނާގެ ގާތުގައި އެފަދަ ވާހަކައެއް އެބުނީ އަލަށެވެ. ކަންތައް ކުރަންވީގޮތެއް ނޭނގި މީހާ ގަނޑުވީ އެހެންވެއެވެ.

މިޝްޔާ އެއްޗެކޭ ނުބުނުމުން މިޝްޔާގެ މޫނުމައްޗަށް އަރަމުންދާ ކުލަވަރުތައް ނާޒިލް ގާތުން ދިރާސާކުރަން ފެށިއެވެ. މިޝްޔާގެ މޫނުމަތިން އޭނާއަށް ހިތްހަމަ ނުޖެހުމުގެ އެއްވެސް އަަސަރެއް ނުފެނެއެވެ. އެ މޫނުމަތީގައިވީ އަސަރުތައް މާނަކުރާނެގޮތެއް ނާޒިލްއަކަށް ނޭނގުނެވެ. މިޝްޔާގެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. އެހެންކަމުން އެ ހިތުގައިވާ އެއްޗެއް ލަފާކޮށްލާކަށްވސް ނާޒިލްއަކަށް ނޭނގުނެވެ. އެކަމުގެ ސަބަބުން އޭނާއަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ. އެކަކުވެސް އެއްޗެއް ނުބުނުމުން އެ ދެމެދަށް މަޑުމޮޅިކަމާއި ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ހިތްވަރުކޮށްފައި އެ ނުތަނަވަސްކަން ފޫދުއްވައިލަމުން އެންމެ ފުރަތަމަ އަނެއްކާވެސް ވާހަކަ ދެއްކީ ނާޒިލްއެވެ.

"މިޝްޔާ! ހިތްހަމަ ނުޖެހުނީތަ؟ އެހެންވެއްޖެއްޔާ އައި އެމް ސޮރީ... އެކަމަކު... ވަރަށް ދުވަހު އަހަރެން މި ވާހަކަތައް ނުބުނެ ހުރެވޭތޯ ކެތްކޮށްފިން. އެކަމަކު ދެން ނުވާނެ. އަހަންނަކަށް އިތުރަކަށް މި އިޙްސާސްތައް އަމިއްލަ ހިތުގައި ފޮރުވައިގެނެއް ނުހުރެވޭނެ... ގަބޫލުކުރަން ބޭނުން ނުވިޔަސް، އަހަރެންގެ އިޙްސާސްތަކެއް ބަދަލެއް ނުކުރެވޭނެ. ވަރަށް މަސައްކަތްކުރިން މި އިޙްސާސްތައް ފޮރުވަން. އަމިއްލަ ހިތުތެރޭގައި އޮށްބައިލަން. އެކަމަކު، އަހަންނަށް އެކަމެއް ނުވި." ނާޒިލް އެއްފަހަރާ އެތަކެއް ބައިވަރު ވާހަކަތަކެއް ދެއްކިއިރުވެސް، މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގި އިނދެވުނީއެވެ. މިޝްޔާގެ އެ ހިމޭންކަމުން ނާޒިލްއަށް މާޔޫސްކަން ވެރިވެގެން ދިޔައެވެ. މިޝްޔާއާ ނަޒަރު ވަކިކޮށްލަމުން ކުރިމަތީގައި ހުރި ކޮފީތަށި ނަގާ އެތިފޮތެއް އޭނާ ބޮއިލިއެވެ.

"އެއްވެސް އެއްޗެއް ނުބުނާނަންތަ؟" ނާޒިލްގެ އަޑުގައި ހުރި މާޔޫސްކަން މިފަހަރު މިޝްޔާއަށް ވެސް ފަހުމްވިއެވެ. އެއަޑުގައި ހުރި އަސަރުތަކަކީ އޭނާ ދުވަހަކުވެސް ނާޒިލްގެ ފަރާތުން ފެނުނު އަސަރުތަކެއް ނޫނެވެ. އެހެންކަމުން އޭނާއަށް ނާޒިލް އެ ދައްކާ ވާހަކައިގެ ތެދުކަން ހާމަވިއެވެ. އަދި ނާޒިލްގެ ހިތުގައި އޭނާއާ މެދު ވާ އިޙްސާސްތަކާ އެހިތުން އޭނާއަށް ދެވިފައިވާ މަގާމުވެސް އޭނާއަށް އަންދާޒާކޮށްލެވުނެވެ. ނާޒިލް އޭނާއާ ހުރިހާ ވާހަކައެއް އެ ދައްކަނީ، އޭނާގެ ޙަޤީގަތް އެނގިހުރެއެވެ. އޭނާއަކީ ކޮންފަދަ ހިތާމަތަކެއް ތަޙައްމަލް ކޮށްފައިވާ މީހެއްކަން އެނގިހުރެއެވެ.

"އަހަރެން... އަހަންނަށް ބުނާނެ އެއްޗެއް..." މިޝްޔާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާގެ ސިކުނޑިދިޔައީ އޭރުވެސް، ވެދިޔަ ކަންތައްތައް ނަގައިގަންނަން މަސައްކަތްކުރަމުންނެވެ. ނާޒިލްއާ މެދު އޭނާގެ ހިތުގައިވެސް އިޙްސާސްތަކެއް ވެއެވެ. އެއީ މާނަފުން ޖަޒުބާތުތަކެކެވެ. އެހެންނަމަވެސް، އެވާހަކަތައް ހާމަކުރާކަށް އޭނާގެ ދޫ ހަރަކާތެއް ނުކުރެއެެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާވަނީ ފިނިވެފައެވެ. ހާސްވެފައެވެ. އުފާވެރިކަން އިޙްސާސްވި ނަމަވެސް، އޭނާގެ ދުލުގައި ހީވަނީ ތަޅެއްލެވިފައިވާހެންނެވެ.

ނާޒިލް ހަޤީގަތުގައި މިރޭއައީ އޭނާގެ ބައްޕަގެ ހަޤީގަތްވެސް މިޝްޔާގެ ކުރިމަތީގައި ހާމަކުރަން ހިތުލައިގެންނެވެ. އެހެންނަމަވެސް މިޝްޔާ ފެނުމާއެކު މިޝްޔާ ގެއްލިދާނެކަމުގެ ބިރުހީވެ އޭނާއަށް އެ ވާހަކަތައް ހާމަކުރާކަށް ނުކެރުނެވެ.

"އާރ ޔޫ ޑަން؟" ނާޒިލް ސުވާލުކޮށްލިއެވެ. މިޝްޔާ ނާޒިލްއަށް ބަލައިލިއެވެ.

"އިފް ޔޫ އާ... ގެއަށް ލައިދޭން ދާންވެގެން." މިޝްޔާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ނާޒިލް ވާހަކަ ދެއްކިއެވެ.

"ހާދަ އަވަހަށް." މިޝްޔާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެހާ އަވަހަށް ނާޒިލްއާ ވަކިވާކަށް އޭނާގެ ހިތް އެއްބަހެއްނުވިއެވެ. މިޝްޔާ އެހެން ބުނިލެއް އަވަސްކަމުން ނާޒިލްއަށް ބުމަ ވެސް އަރުވައިލެވުނެވެ.

"އައި މީން.... މި ބުނީ... ކީއްވެ އެހާ އަވަހަށް..." މިޝްޔާއަށް ބުނާނެ އެއްޗެއް ނޭނގުމާއެކު، ވާހަކަ ދެއްކުނީ އަޅައަޅައިގަންނަމުންނެވެ.

ހަޤީގަތުގައި ނާޒިލްއަށް މިޝްޔާގެ ކުރިމަތީގައި އިތުރަށް އިންނާނެ ހިތްވަރު ނުލިބުނީއެވެ. މިޝްޔާގެ ފަރާތުން އޭނާއަށް އޭނާ ބޭނުންވާ ފަދަ ޖަވާބެއް ނުލިބުނެވެ. އެއާއެކު އޭނާއަށް ވެރިވީ ހާޝިމްގެ ޙިޔާލުތަކެކެވެ. މިޝްޔާ މިހާރު އާއެކޭ ބުނި ނަމަވެސް، ހާޝިމްއަކީ އޭނާގެ ކާކުކަން އެނގުމުން ހިތްހަމަނުޖެހި ރުޅި އަންނާނެއެވެ. އޭނާއާ އޮތް ގުޅުން އެކީ ކަނޑައިލާނެއެވެ.

"އައި އެމް ސޮރީ އެގެއިން މިޝްޔާ..." ނާޒިލް އަނެއްކާވެސް މާފަށް އެދުނެވެ.

ނާޒިލް އެފަދަ މާޔޫސްކަމެއްގައި ވާތަން ބަލާކަށް މިޝްޔާއަކަށް ކެތެއް ނުވިއެވެ. އޭނާގެ ހިތަށް ތަދުވިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެޔޭ ބުނާ ބީދައިން މިޝްޔާއަށް ވެސް އޭނާއަށް އެ ހިތުގެ ޙާލު ނާޒިލްގެ ކުރިމަތީގައި ފާޅުނުކުރެވޭ ހާ ހިނދަކު ހަމަޖެހުމެއް ލިބުމެއްނެތްކަން އޭނާއަށް އެނގުނެވެ. އެހެންކަމުން ހިތްވަރުކޮށްފައި އޭނާ ވާހަކަ ދެއްކިއެވެ.

"އަަހަރެންގެ ހިތުގައި ނާޒިލްއާ މެދު އިޙްސާސްތަކެއް ވާކަމުގައި ބުނާނަމަ ވެސް މިރޭ އެހާ އަވަހަށް މިތަނުން ދާނަންތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"ކީކޭ؟" ނާޒިލްއަށް ހައިރާންކަމާއެކު މިޝްޔާއާ ސުވާލުކޮށްލެވުނެވެ. އޭނާއަށް މިޝްޔާގެ އެ ބަސްތައް ގަބޫލުނުކުރެވޭ ފަދައެވެ. މިޝްޔާގެ އިތުރު ޖަވާބަކަށް ނާޒިލް އިންތިޒާރުކުރިއެވެ.

"އަހަރެންވެސް ނާޒިލްއާ ގަޔާވެޔޭ. ލައިކްވެޔޭ... ނާޒިލް އެކޭ އެއްގޮތަށް އަހަރެންގެ ހިތުގައިވެސް އިޙްސާސްތަކެއް ވެޔޭ... އެ އިޙްސާސްތަކަަށް ދޭނެ ނަމެއް ލޯބި ނޫނީ އަހަރެންގެ އަަތަކު ނެތް..." މިޝްޔާ އެހެން ބުނެލާފައި އިސްޖަހައިލިއެވެ. އޭނާގެ ހިތުގައިވާ އިޙްސާސްތައް ނާޒިލްގާތު ފާޅުކުރެވުމުން އެހިތަށް ބުނެދޭން ނޭނގޭ ތަސައްލީއެއް ލިބުނެވެ. ހަމަޖެހުން ލިބުނެވެ. އުފާވެރިކަން ލިބުނެވެ. އެތައް ދުވަހެއްފަހުން އޭނާގެ ޙަޔާތް އުޖާލާވެެއްޖެކަމުގެ އިޙްސާސްއާއެކު އޭނާއަށް ހިނިތުންވެވުނީ ބޭ އިޚްތިޔާރުގައެވެ.

މިޝްޔާގެ މޫނުމަތިން ފެނުނު ލަދުވެތި އަސަރުތަކާއެކު ނާޒިލްގެ ތުންފަތް މައްޗަށް ވެސް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އޭނާއެކޭ އެއްގޮތަށް މިޝްޔާގެ ހިތުގައިވެސް އިޙްސާސްތަކެއް ވާކަމުގެ ޔަޤީންކަމާއެކު ނާޒިލް ހިތްހަމަޖެހުނު ނަމަވެސް ބިރުވެރިކަމެއް އޭނާގެ ހިތުގައިވެއެވެ. އެ ހަޤީގަތް ހާމަކޮށްލަން އުޅުނުނަމަވެސް، އެހިތްވަރު އޭނާއަށް ނުލިބުނީ، މިޝްޔާގެ އުފާވެރިކަން ފެނިފައެވެ. އަދި އޭނާ މިޝްޔާ ގެއްލެން ބޭނުންނުވާތީއެވެ. ކޮންމެވެސް ދުވަހަކުން އެކަމާ ކުރިމަތިލާން ޖެހޭނެކަން އޭނާއަށް ސިކުނޑި ވިސްނައިދެމުން ދިޔަ ނަމަވެސް، އެ އުފާވެރި އިޙްސާސްތައް އެހާއަވަހަށް ކަފުންކުރާކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ.

"އަހަރެން މިޝްޔާ ދެކެ ވަރަށް ލޯބިވޭ... އަހަރެން ދުވަހަކުވެސް، ދުވަހަކުވެސް މިޝްޔާއަށް ދެރައެއް ނުދޭނަން. އަހަރެން ނުބުނަން މިހާރުން މިހާރަށް ދެމީހުން ރިލޭޝަންއަކަށް ދާކަށް. މިޝްޔާއަށް ޓައިމް ބޭނުންވާނެކަން އަހަންނަށް އެނގޭ... އަހަރެން އެވަގުތު ދޭނަން. މިޝްޔާ ލައިފްގަ ގޯ ތްރޫ ކުރި ކަންތައްތަކުގެ ސަބަބުން މިފަދަ ގުޅުމަކަށް ފުރުސަތު ދިނުމަކީ މިޝްޔާއަށް ކިހާ އުނދަގޫވާނެކަމެއްކަން އަހަންނަށް އެނގޭ. އެ ހުރިހާއެއްޗެއް އެނގިހުރެ އަހަރެން މިޝްޔާ ގާތަށް މިރޭ މިއައީ... ޓޭކް ޔުއަރ ޓައިމް... އަހަރެން އަބަދުވެސް މިޝްޔާގެ ވާހަކަތައް އަޑު އަހަން ހުންނާނަން. އަހަރެން ހުއްޓާ ދެން އެފަދަ މީހަކަށް މިޝްޔާއަށް އެފަދަ ގޮތަކަށް އަނިޔާވެރިވާކަށް ނުކެރޭނެ." ނާޒިލް ޔަޤީންކަމާއެކު ބުނެލިއެވެ. މިޝްޔާއަށް ނާޒިލްގެ އަޅިކުލައިގެ ދެލޮލަށް ބަލައިލެވުނެވެ. ނާޒިލްއަށް އިތުބާރުކުރުމަށް އޭނާގެ ހިތާ ފުރާނަވެސް އެވަގުތު ގޮވަމުން ދިޔައެވެ. ނާޒިލްއަށް ފުރުސަތެއް ދިނުމަށް އެދި އޭނާގެ ހިތް އާދޭސް ކުރަމުން ދިޔައެވެ. އެހެންނަމަވެސް، މިޝްޔާ ވިސްނައިލަން ވަގުތު ބޭނުމެވެ.

"އަހަރެންވެސް މިޝްޔާ ގާތުގައި ބުނަން ބޭނުންވާ ވަރަށް ބޮޑު ވާހަކައެއް އެބައޮތް. މިޝްޔާ އަހަންނަށް އިތުބާރުކުރަންތަ؟" ނާޒިލް ސުވާލުކޮށްލިއެވެ. ނާޒިލް އެ ބުނި ޖުމްލަތަކާމެދު މިޝްޔާއަށް ފުންކޮށް ވިސްނައިލެވުނެވެ. ނާޒިލް އޭނާއަށް އަނެއްކާ ބޮޑުކަމެއް ސިއްރުކުރަނީހެއްޔެވެ؟. އެކަމަކު ކޮންކަމެއްހެއްޔެވެ؟ އެއީ ނާޒިލްގެ މާޒީއާ ގުޅޭ ކަމެއްހެއްޔެވެ؟ ރީމާގެ ވާހަކައެއްހެއްޔެވެ؟

"އަހަރެންވެސް އެ ވާހަކަ ބުނަން ވަގުތުކޮޅެއް ބޭނުން މިޝްޔާ... އެކަމަކު... މިހާރު ބުނެލަން ބޭނުންވަނީ، އަހަރެން މިޝްޔާ ދެކެ ހަޤީގަތުގައިވެސް ވަރަށް ލޯބިވެޔޭ... އަހަރެން މިޝްޔާއަށް ދެރަވާގޮތަކަށް އެއްވެސް ކަމެއް ނުކުރާނަމޭ... އަބަދުވެސް... އަހަރެން އަބަދުވެސް އެދޭނީ މިޝްޔާގެ އުފާވެރިކަމަށް. އަބަދުވެސް ހަނދާންކުރައްޗޭ..." ނާޒިލް ބުނެލިއެވެ. އޭނާ އިނީ ސީދާ މިޝްޔާގެ ލޮލަށް ބަލަހައްޓައިގެންނެވެ. މިޝްޔާ އޭނާއަށް އިތުބާރުކުރުމަކީ އޭނާ މިވަގުތަށް އެންމެ ބޭނުންވާ ކަންތަކެވެ.

ވަގުތު ދިޔަގޮތެއް ވެސް ދެމީހުންނަކަށް ނޭނގުނެވެ. އެ މީހުން ގެއަށް ދާންވެގެން ނުކުތް އިރު އެގާރަގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ.

"ލަސްވެއްޖެތަ؟" ނާޒިލް ސުވާލުކޮށްލިއެވެ.

"ނޫން އޯކޭ ވާނެ!" މިޝްޔާ ބުނެލިއެވެ.

"ދޮންބެ ސުވާލުކުރީމަ ކީކޭ ބުނާނީ؟ އަނެއްކާ ކިހިނެއްބާ ވާނީ އަހަންނާ އެކި ބޭރަށް ދިޔަކަން އެނގުނީމަ." ނާޒިލް ލާނެތް ގޮތަކަށް ސުވާލުކޮށްލިއެވެ.

"ދޮންބެ ރުޅިއެއް ނާންނާނެއެއްނު. ތީ އެއްނު ބެސްޓީޒް އަކީ..." މިޝްޔާ ބުނެލިއެވެ. ނާޒިލް ހިނިތުންވެލި ނަމަވެސް، އޭނާ ގެ ހިތްވަނީ ނުތަނަވަސްވެފައެވެ.

ކާރުގައި ލިލީ ގާޑެންއާ ދިމާލަށް މިސްރާބުޖެހި ނާޒިލް އިރުއިރުކޮޅަކާ މިޝްޔާއަށް ބަލައިލައެވެ. ނާޒިލް އޭނާއަށް ބަލާކަން މިޝްޔާއަށް ވެސް އެނގުނެވެ. އެކަމުން އޭނާއަށް އިޙްސާސްވަނީ ލަދުވެތިކަމެވެ.

"އަހަންނަށް އެނގޭ މިހެން ބުނަން ވަރަށް ލަސްވެއްޖެކަން. އެކަމަކު ޔޫ ލުކް ބިއުޓިފުލް..." ނާޒިލް މަޑުމަޑުން ބުނެލިއެވެ. މިޝްޔާގެ މޫނު ލަދުން ރަތްވެ ދެ ކޯތާފަތް މައްޗަށްވެސް މަޑުމަޑު ޖަންބު ކުލައެއް ވެރިވެގެން ދިޔައެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" މިޝްޔާ ސުވާލުކޮށްލިއެވެ.

"އާނ. މިޝްޔާ ބޭނުން ކޮންމެ ސުވާލެއް ކުރަންވީ ހަމަ. އަހަރެން ޖަވާބު ދޭނަން..." ނާޒިލް ބުނެލިއެވެ.

"އަހަރެންގެ ހަޤީގަތް ނާޒިލްއަށް އެނގޭއިރު، ނާޒިލްގެ އާއިލާގެ މީހުންނަށް އަހަރެންނަކީ ކާކުކަން، އަދި ޑްރަގްގެ ކަންތައްގަނޑު އެނގުނީމަ ކިހިނެއްވާނީ؟ އެމީހުން އަހަރެން އެކްސެޕްޓް ކުރާނެތަ؟ މިގުޅުމާމެދު ގަބޫލުވާނެތަ؟" މިޝްޔާ ސުވާލުކޮށްލިއިރު އެ އަޑުން ނުތަނަވަސްކަން، ނާޒިލްއަށް ފާހަގަވިއެވެ.

"އަހަރެންގެ މަންމަވެސް، ޑޭޑް ވެސް، މިޝޫއާ ގަބޫލުވާނެ... އެކަމާ ނުވިސްނައްޗޭ!" ނާޒިލް އެހެން ބުނެލި ނަމަވެސް، އޭނާގެ ހަނދާނަށް އޭނާގެ އުފަން ބައްޕަ ހާޝިމްގެ ޚިޔާލުތައް ވެރިވިއެވެ.

އެފަދަ ވާހަކަތަކެއްގައި ތިބެ ގެއާ ހިސާބަށް އާދެވުމުން މިޝްޔާ ނާޒިލްއަށް ބަލައިލުމަށްފަހު، ހިނިތުންވެލާ ކާރުން ފައިބަން އަވަސްވެގަތެވެ. މިޝްޔާ ކާރުން ފޭބި ވަގުތަކީ މާކިންއާއި ނައިރާ އާއި ދެމީހުންވެސް ކާރުގައި އައިސް އެ ހިސާބާ އަރާ ހަމަވީ ވަގުތެވެ.

"މާކް. އެއީ މިޝޫތަ؟" ކާރުގައި އިން ނައިރާ މާކިންއަށް ގޮވައިލަމުން މިޝްޔާ ދައްކައިލިއެވެ.

"އާނ... މިޝޫ އެއީ... އެކަމު ކޮންތާކަށް ގޮސްފަ އެ އައީ... ޓެކްސީއެއް ވެސް ނޫން ދޯ... ޕްރައިވެޓް ކާރެއް. ނުބުނޭ ދާތަނެއްވެސް. ވެއިޓް. އެ ނަންބަރު އަހަންނަށް އެނގޭ..." މާކިން ކާރުގެ ނަންބޯޑަށް ބަލައިލުމަށްފަހު ވިސްނައިލިއެވެ.

"އެއީ... އެއީ ނާޒިލްގެ ކާރު... އެކަމަކު މިޝޫ... ނުބުނޭ ދޯ ތަނަކަށް ދާ ވާހަކައެއް..." މާކިންއަށް ވެސް ނައިރާއަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ.

"އެބަ އަންނަން އިނގޭ. އޭނަ ދާން ވާއިރަށް...ވެއިޓް.. " އެހެން ބުނެފައި މާކިން ކާރުން ފައިބައިގެން ނާޒިލްގެ ކާރާ ދިމާލަށް މިސްރާބުޖެހީ މިޝްޔާ އެތެރެއަށް ވަނުމުންނެވެ. މިޝްޔާ ދާތަން ބަަލަން ކުޑަކޮށް ކާރުގެ ލޯގަނޑު ތިރިކޮށްލައިގެން އެ ދިމާލަށް ބަލަހައްޓައިގެން އިން ނާޒިލްއަށް ކާރުގެ ކަރިީގައި ހުއްޓި ކުޑަކޮށް ގުދުވެލި މާކިން ފެނުމާއެކު، ޝޮކެއް ލިބިގެން ދިޔައެވެ.

(ނުނިމޭ)