28 Dec 2022, 19:55
މާލޭގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ދަރުބާރުގެ ކައިރި އޮންނަ ހުސް ބިމުގައި ތަރައްގީ ކުރަން ސިޓީ ކައުންސިލުން ނިންމި ސްޓްރީޓް ފުޑް ސްޓޯލްތައް ތަރައްގީ ނުކުރެވިގެން އުޅެނީ ސަރުކާރުން އެކަމަށް ހުރަސް އަޅާތީ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމަށް ޕްލޭނިން މިނިސްޓްރީއަށް ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
"ސަރުކާރުން އެދުނު ބަދަލުތައް ލޭންޑް ޔޫސް ޕްލޭނަށް ގެނެސްގެން ހަތަރު ފަހަރު ހުށަހަޅައިފިން. އަދިވެސް ފާސް ނުވެގެން މި ދަނީ،" މުއިއްޒު ވިދާޅުވިއެވެ.
ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭނީ އާންމުންނާ މަޝްވަރާ ކުރުމަށްފަހު އާންމުންގެ ޚިޔާލުގެ މައްޗަށް ހުށަހެޅި ކަންކަން ނަމަވެސް، ސަރުކާރުން އެކަންކަން ފަހި ނުކޮށްދޭ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެގޮތުން، ހެންވޭރުގައި ގާއިމް ކުރުމަށް ސިޓީ ކައުންސިލުން ނިންމި ސްޓްރީޓް ފުޑް ސްޓޯލްތަކުގެ މަސައްކަތް ވެސް ކުރިޔަށް ނުގެންދެވިފައިވަނީ އެހެންވެ ކަމަށާއި ސަރުކާރުން އެ ބިން ސިޓީ ކައުންސިލަށް ދޭން އެއްބަސްނުވަނީ އެ ބިމަކީ ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ދޫކޮށްފައިވާ ބިމަކަށް ވާތީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ސަރުކާރުން ބޭނުންފުޅިއްޔާމުން އެ ޔޫސް ބަދަލު ކޮށްލެވޭނެ ދެއްތޯ، ރައްޔިތުން މި އެދެނީ މިކަން ކުރަންށޭ. ޓޫރިޒަމްގެ ކަމެއް އެތާކު ނުހިގައޭ. އެތާކަށް ނާދެއޭ އެއްވެސް އެއްޗެއް، ހޮޓަލެއް ވެސް ނުހަދާ،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ އެތަނުގައި ސަރުކާރުން މަޝްރޫއެއް ހިންގުމަށް އެދުމުން އެތަން ހުސްކޮށްދެއްވާނެ ކަމަށް ވެސް ސަރުކާރުގައި ދެންނެވިން ކަމަށެވެ. އެކަމަކު، އަދިވެސް އެކަން ފަހިވެގެން ގޮސްފައިނުވާ ކަމުގެ ކަންބޮޑުވުން މޭޔަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބައެއް ބިންތައް ނުދިނުމުގެ ސަބަބުން ސިޓީ ކައުންސިލްގެ ބޮޑެތި ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މިދިޔަ އަހަރު، ހެންވޭރުގެ ރައްޔިތުންނަށް ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގައި ސްޓްރީޓް ފުޑްގެ ގޮތުގައި އެއްވެސް ތަނެއް ނެތުމުން، ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމުގައި އެފަދަ ތަނެއް ތަރައްގީ ކުރަން ނިންމައިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ނިންމާފައި އޮތީ، ލޯނެއްގެ ދަށުން އެތަން ތަރައްގީކޮށް، ލަސްވެގެން މިއަހަރުގެ އޮގަސްޓް މަހު އެތަންތަން ހިންގާނެ ފަރާތްތައް ހޯދަން އިއުލާނު ކުރުމަށެވެ. އެކަމަކު، އެ ބިން ހަމަނުޖެހުމުގެ ސަބަބުން އެ މަޝްރޫއު އޮތީ ހުއްޓިފައެވެ.