11 Apr 2012, 08:12
ތެހެރާން (އެޕްރިލް 11) : އީރާނުގެ އެތެރޭގައި ބޮންގޮއްވައި ޓެރަރިޒަމްގެ ޢަމަލުތަކެއް ހިންގަން މަސައްކަތްކުރަމުން ގެންދިޔަ އިސްރާއީލުގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ހައްޔަރުކޮށްފިކަން އީރާނުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރަމުން އީރާނުގެ ޖާސޫސީކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ހައްޔަރުކުރި ޓެރަރިސްޓް ޖަމާއަތަށް ފައިސާއާއި ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދީ ތަމްރީންތައް ދީފައިވަނީ އިސްރާއީލުންކަން އެމީހުންގެ ބަޔާންތަކުން ހާމަވެފައިވާ ކަމުގައެވެ. އީރާނުގެ އެތެރޭގައި ޓެރަރިސްޓް ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ލުއިހަތިޔާރާއި ގޮވާތަކެއްޗާއި ޢަސްކަރީ ކޮމިއުނިކޭޝަނުގެ ވަސީލަތްތަކާއި އާލާތްތައް އެމީހުންގެ އަތުން އަތުލައިގަނެފައިވާއިރު މީގެތެރޭގައި ގިނައީ އިސްރާއީލުގައި އުފައްދާފައިވާ ހަތިޔާރާއި ވަސީލަތްތައް ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް އިސްރާއީލުގެ ޓެރަރިސްޓް ޖަމާއަތުގައި ހިމެނޭ މީހުން ނިސްބަތްވަނީ ކޮން ޤައުމުތަކަކަށްކަން އީރާނުން ހާމަކޮށްފައެއްނުވެ އެވެ.
އީރާނުންވަނީ މީގެކުރިންވެސް އިސްރާއީލަށް ނިސްބަތްވާ ޓެރަރިސްޓް ޖަމާއަތްތައް ހައްޔަރުކޮށްފައެވެ. ފާއިތުވެދިޔަ ތިން އަހަރުތެރޭގައި އީރާނުގައި މަރާލާފައިވާ ނިއުކްލިޔަރ ދެ ސައެންޓިސްޓުންނާއި ރޮކެޓް ސައެންސްވެރިއެއްގެ މަރުގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށްވެސް އީރާނުން ތުހުމަތުކުރެއެވެ. އަދި 2011 ގައި އީރާނުގައި ހިންގި ބޮންގޮއްވުމުގެ ޓެރަރިސްޓް ޙަމަލާގެ ފަހަތުގައިއޮތީވެސް އިސްރާއީލުކަމަށް އީރާނުން ތުހުމަތުކުރެއެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ސްޓޭޓް ޓެރަރިޒަމްގެ ޢަމަލުތައް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކުރެވިފައިވެއެވެ. މިގޮތުން 2007 ވަނަ އަހަރު ދުބާއިގައި އަވަހާރަކޮށްލެވުނު ފަލަސްތީނުގެ ޙަމާސް ޖަމާއަތުގެ ވެރިއެއް ކަމަށްވާ މަހްމޫދް އަލްމަބްޙޫހު އަވަހާރަކޮށްލި ޓެރަރިސްޓުންގެ ފަހަތުގައިވަނީ ވެސް އިސްރާއީލުކަން ހާމަވެފައިވެ އެވެ.
ފަލަސްތީނުގެ ލީޑަރަކު އަވަހާރަ ކޮށްލުމަށްޓަކައި އުރުދުންގައި ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގިކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށް ކުރެވިފައިވެއެވެ. -- އަލްޖަޒީރާ