ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ޚާލިދު އަލުން އެ މަގާމަށް އައްޔަން ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އަލީ ޚާލިދު އަލުން ޕީއެސްއެމްގެ އެމްޑީ ކަމަށް ހަމަޖައްސައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މީގެ ކުރިން ހުންނެވި މުހައްމަދު ޝަމީމު، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށެވެ.

ޚާލިދުގެ ދައުރު މިދިޔަ ހޮނިހިރު ދުވަހަށް ހަމަވެފައިވާއިރު، ޝަމީމްގެ ދައުރު ހަމަވެފައިވަނީ ހޯމަ ދުވަހެވެ.

ދެ ބޭފުޅުންގެ ދައުރު ހަމަވުމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ދައުރު އާ ނުކުރަން ނިންމާ، ޕީއެސްއެމަށް މީގެ ކުރިން ވަނީ އެކަން އަންގައިފައެވެ.

އެ ބޯޑަށް އާ މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެ މަގާމުގައި ކުރިން ވެސް ހުރި އަލީ ޚާލިދު އަލުން އެ މަގާމަށް އައްޔަން ކުރަން މަސައްކަތް ކުރަމުންދާކަން މިއުވާން ވަނީ ޔަގީންކޮށްދީފައެވެ.

ޕީއެސްއެމްގެ އެމްޑީ އަދި ޑީއެމްޑިީގެ މަގާމަށް ބޭފުޅުން އައްޔަން ކުރެވެންދެން ޕީއެސްއެމްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިރެކްޓަރު މުހައްމަދު ސައީދާއެވެ.

ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަން ކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި، ކުންފުނީގެ ސިޔާސަތާ ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާ ގުޅޭ އެއްވެސް ނިންމުމެއް ނުނިންމުމަށް ވެސް ޕީސީބީން ވަނީ އަންގައިފައެވެ.