އަންނަ މަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފިއެވެ.

އެޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި ރިޔާސީ ޕްރައިމަރީއާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެކޮމިޓީއަށް ހުށައެޅުމުގެ ފުރުސަދު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މިގޮތުން އެމްޑީޕީން އެކުލަވާލި ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ އަޙްމަދު އަބްދުﷲ އަފީފާއި އަފްޝަން ލަތީފް އަދި، މުހައްމަދު ހާޝިމެވެ.

އެޕާޓީގެވެބްސައިޓުންޝަކުވާ ހުށަހަޅާ ފޯމް ލިބެން ހުރިއިރު، ޝަކުވާ ބަލައިގަތުމުގެ މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެއެވެ.

އަންނަ މަހު 28ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުން ދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

މިގޮތުން ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ސަރުކާރު ފެކްޝަނުން ޕްރައިމަރީ ގަޑުބަޑުކޮށް، އިންސާފުވެރިކަން ގެއްލުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމަކު، ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާއި ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.