28 Dec 2022, 12:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ އޮޝިލަކު މިއަދު "ސަން" އަށް ވިދާޅުވީ ހަވީރު 4:30ގައި ރައީސް ޞާލިހް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާ ކަމަށެވެ.
ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު، އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައިފައިވަނީ މީގެ ހަ މަސް ކުރިން ޖޫން އަށެއް، 2022 ގައެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޙް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ދަނޑިވަޅެއްގާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާއިރު ގިނަ ކަންތައްތަކަކަށް އަލި އަޅުއްވާލައްވާނެ ކަމަށް ބެލެވެއެވެ.
އެމަނިކުފާނު މިހާރު ގެންދަވަނީ އަންނަ މަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފާނާ ދެކޮޅަށް ވާދަކުރައްވަނީ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބޮޑެތި ތުހުމަތުތައް ކުރައްވަމުންނެވެ.
އަދި، ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމުން ވެސް ގެންދަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.
އެހެންވެ، އެކަންކަމާ ގުޅިގެން ރައީސް ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެއެވެ.