މާލޭއާއި ވިލިމާލޭގެ މަގުތައް ސާފު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ވެމްކޯ އާއެކު ހެދި އެއްބަސްވުން އާ ނުކުރަން ނިންމީ، ވެމްކޯއިން މަގުތައް ސާފު ނުކުރާތީ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ސިޓީ ކައުންސިލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެމްކޯ އާއެކު ހެދި އެއްބަސްވުމުގެ ދަށުން މަގުމަތީގައި ހުންނަ ކުނި ނަގަން ޖެހޭނެ ކަމަށާއި، އެ ކުންފުންޏަކީ ސިޓީ ކައުންސިލުން އެކަމަށްޓަކައި ފައިސާ ދޭ ކުންފުނި ކަމަށެވެ.

ނަމަވެސް ވެމްކޯއިން އެއްބަސްވުމަށް ޢަމަލު ނުކުރާ ކަމަށާއި، މާލޭގެ މަގުތައް ސާފުކޮށް ނުބެލެހެއްޓޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ކުނި ނަގާ ވަރަކުން، ރޭޓް ތަކެއް ހުންނާނީ ޕާ ލީޓާ، ވޮލިއުމް ކަލްކިއުލޭޓް ކޮށްފައި އެ ހުށަހެޅީމައި އަޅުގަނޑުމެން އެއަށް ފައިސާ ދެނީ. އެއީ އެގްރިމެންޓަކީ މަގުމަތީގެ ކުނީގެ. އެއަށް އެބޭފުޅުން ތަބާނުވީ،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ވެމްކޯ އަކީ ސަރުކާރާ، ސިޓީ ކައުންސިލުން އަދި ރައްޔިތުން ފައިސާ ދޭ ކުންފުންޏަކަށް ވީއިރު، އެތަން މިހާތަނަށް ހިންގަމުން އައީ ސިޔާސީ ގޮތެއްގައި ކަމަށާއި، ސިޓީ ކައުންސިލަށް ޖެއްސުން ކުރުމުގެ ގޮތުން ވެމްކޯ އިން އެކި ކަންކަން ކުރަމުންދާ ކަމަށް މޭޔަރު ވަނީ ތުހުމަތު ކުރައްވައިފައެވެ.

"އެހެން ދުވަސް ދުވަހާ ޙިލާފަށް ރޭގަ އެކަނިވެސް ވަރަށް ގިނަ ގޭގެއިން، އެބޭފުޅުން އެ މަގުމަތިން ކަލެކްޝަންއެއްގެ ގޮތުގައި ޖަމާ ކުރާ ކުނި ވެސް ނުނަންގަވާ. އެބޭފުޅުންގެ ކަލެކްޝަންގެ ޓީމުތައް (ރޭ) ނުވެސް އުޅެނީ އެއް ގޮތަކަށް ވެސް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ މަގުތަކުގައި ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނީ ކައުންސިލްތަކުގެ އިޙްތިސާސުގެ ތެރޭގައި ހިމެނޭ ތަންތަން ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުން މަތިކޮށްފައިވާ ޒިންމާއަކަށް ވާތީ ކަމަށެވެ. އަދި ވެމްކޯ އިން ކުނި ނުނެގި ނަމަވެސް، އެ މަސައްކަތް 24 ގަޑިއިރު ސިޓީ ކައުންސިލުން ކުރާނެ ކަމަށް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުގެ ފަރާތުން ކުނި ކެހުމުގައި ވަކި ޓީމެއް އަދި ކުނި ނެގުމުގައި ވަކި ޓީމެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަދި ކުނި ނެގުމަށްޓަކައި އެކި ސައިޒުގެ 12 ލޮރީ މާލެ އަދި ވިލިމާލޭގައި ބޭނުން ކުރަމުން ދާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އެ 10 ލޮރީ އުޅެމުން ދާނެ މާލޭގެ 16 ޒޯންގައި. ވިލިމާލޭގައި ވެސް 2 ޕިކަޕް. އެހެންވީމާ ކުނި ނަގަމުން ދާނެ، ކުނި ގެންގޮސް ވެމްކޯއާ ހަވާލުކޮށް ފައިސާ ދައްކަމުން ދާނެ،"

ރައްޔިތުންގެ ފަރާތުން ސިޓީ ކައުންސިލަށް އެއްބާރުލުން ދޭނަމަ މާލެ ތެރޭގައި ކުނި ނުހުންނާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވާފައެވެ.

ކުނި ނަގައި އަދި ސާފު ކުރުމަށް މާލެ ތެރޭގައި ޖުމްލަ 120 މުވައްޒަފުން ހަރަކާތްތެރިވާއިރު، ވިލިމާލެގައި 28 މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

މިގޮތުން، ފުރަތަމަ ޝިފްޓުގެ މުވައްޒަފުން ރޭގަނޑު 10 އިން ހެނދުނު 4 އަށް މަސައްކަތް ކުރާއިރު ދެވަނަ ޝިފްޓުގެ މުވައްޒަފުން ހެނދުނު 6 އިން މެންދުރު 12 އަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި މުޅި ވޯކް ފޯސް އެއްކޮށް ހަމަ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ވަގުތުތަކުގައި ނޫނަސް ދުވާލު ގަޑީ މާލެ ތެރޭގައި އެންމެ ގިނައިން ކުނި ހުންނަ ތަންތަނުގައި ކުނި ނެގުމުގެ މަސައްކަތް ކުރެވޭނެ. ދުވާލު މަސައްކަތް ކުރާ މުވައްޒަފުން މަދުވާނެ. މެޖޯރިޓީ މުވައްޒަފުން ނުކުންނާނީ ރޭގަނޑު،" މޭޔަރު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް ކުރަން ފެށުމުން މަދުވެގެން ހަ ލައްކަ ރުފިޔާގެ ޙަރަދު ކުޑަ ވާނެ ކަމަށް އެ ކައުންސިލުން އަންދާޒާ ކުރެއެވެ.

"ވެމްކޯ އަށް ޙަރަދުވޭ ތިން މިލިއަނެއްހާ ރުފިޔާ. ގާތްގަޑަކަށް 2.8 މިލިއަން މަހަކު، ކުރީ މަހާ ހަމައަށް. އެކަމަކު 2 މިލިއަން ރުފިޔާ އާ ހިސާބަށް، އެ ރޭންޖުގައި 2.1 (މިލިއަން) ވަރު ކަމަށް މި ބަލަނީ (ސީޓީ ކައުންސިލުން ކުނި ނެގުމުގެ މަސައްކަތާ ހަވާލުވުމުން). އެރޭންޖުގައި އަޅުގަނޑުމެންނަށް ހިފަހައްޓާ ލެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ސިޓީ ކައުންސިލުން ވެމްކޯ އާ އެކު އެއްބަސްވުން އުވާލި ނަމަވެސް، ގެތަކުން ކުނި ނެގުމުގެ މަސައްކަތް އަދިވެސް ކުރާނީ އެކުންފުނިންނެވެ.