ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނާސިހު ރަޝީދުގެ އަރިކަށީގެ ތިން ކަށިގަނޑު ބިންދައިގެން ގޮސްގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގު ކޮރަލް ވިލް ހިމެނޭ ސަރަހައްދުގައި އިއްޔެ އިރުއޮއްސި 18:30 ހާއިރެވެ.

ނާސިހުގެ އާއިލާ މެންބަރަކު މިއަދު "ސަން"އަށް ބުނީ އެ އެކްސިޑެންޓުގައި ނާސިހުއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށެވެ. އެކްސިޑެންޓް ވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ އޮތީ ހޭވެސް ނެތިފައެވެ.

"ރޭގަ އެތަނުން [ހުޅުމާލޭ ހޮސްޕިޓަލުން] އެމްއާރުއައިއާ ސީޓީ ސްކޭން ހެދުމަށްފަހު ބަދަލުކުރީ އަައިޖީއެމްއެޗްއަށް. އައިޖީއެމްއެޗް އަށް ގެނައީ ރޭގެ ވަގުތެއްގައި،" އޭނާ ބުންޏެވެ.

އާއިލާއިން ބުނި ގޮތުގައި އެ އެކްސިޑެންޓުގައި ނާސިހުގެ އަރިކަށީގެ ތިން ކަށިގަނޑެއް ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އޭނާގެ ފުއްޕާމެއަށް ކުޑަކޮށް ލޭ އެޅިފައިވާ ކަމަށް ވެސް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އައިޖީއެމްއެޗްއަށް ގެނައުމަށް ފަހު ވެސް ޓެސްޓުތަކާއި ސްކޭންތައް ހަދާފައިވާއިރު މިހާރު ނާސިހަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ ސާޖިކަލް ވޯޑުގެ ސްޕެޝަލް ކެއާގައެވެ.

ނާސިހުގެ ހާލު ކުރިއަށްވުރެ ރަނގަޅު ކަމަށާއި މިހާރު ކުޑަކޮށް ވާހަކަދައްކާ ކަމަށް ވެސް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ފަހަތުން އައިސް ނާސިހުގެ ސައިކަލުގައި ޖެހިގެން ކަމަށް އާއިލާއިން ބުނެއެވެ. އަދި، އެ މީހާ ފިލަން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ނާސިހުގެ އާއިލާގެ ފަރާތުން ބުންޏެވެ.