ބަލަހައްޓައިގެން ހުއްޓާ ފިހާރައަކަށް ވަން މީހެކެވެ؛ ފެންފުޅިއެއް ގަނެގެން ފިހާރައިގެ ތެޜޭގައި ހުރެ ބޮއި ހުސްކޮށްލި އެވެ. އޭނާ ފިހާރަ ތެޜޭގައި ހުރެ ދެވަނަ ފުޅިއެއް ދަމާލިއިރު ފިހާރައިގެތެރޭގައި ތިބި ކަސްޓަމަރުންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ފެން ގަންނަން ގޮސްތިބި މީހުންނެވެ.

ރާއްޖޭގައި ފުޅާ ދާއިރާގައި ފެން ސަޕުލައި ކުރާ މާލޭ އެރޭޓެޑް ވޯޓާ ކުންފުނީގެ އޮފިޝަަލަކު ވިދާޅުވި ގޮތުގައި މިދުވަސްވަރު ފެނުގެ ޑިމާންޑު ވަނީ ވަރަށް ބޮޑުތަން އިތުރު ވެފައެވެ. އަދި އެކުން ފުނީގެ ވިޔަފާރި ވެސް މިދުވަސް ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެއާއެކު މޯލްޑިވްސް ބެވަރޭޖް ކޮމްޕެނީން ވެސް ބުނަނީ ފެނުގެ ވިޔަފާރި މައްޗަށް ޖެހި ސަޕްލައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިދިއަ ތިން އަހަރު ވެސް ރާއްޖެއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ އަހަރު ފެށުމާއެކު ރަށްރަށުން ބޯފެން ހުސްވެ ފެނަށް ޖެހުމެވެ. މި އަހަރު ވެސް ހަމަ އެ ޓްރެންޑް އައިސް 60 ހާ ގާތްކުރާ އަދަދެއް ރަށް ވަނީ ބޯފެނަށް ޖެހިފަ އެވެ. އެއާއެކު މި ދުވަސްކޮޅަކީ ހޫނު މިން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ދުވަސްކޮޅެވެ. އެންމެންވެސް މިހާރު ދައްކާ އެއް ވާހަކައަކީ ހޫނު ގަދަވެ އުދާސް ވެފައިވާ ވާހަކަ އެވެ. ހޫނު ގަދަވެ ދުވާލު މެންދުރު މަގުމަށްޗަށް ނުކުމެ އުޅުން ދަތި ކަމަކަށް ވެފައިވާއިރު މިނެރަލް ވޯޓާ، ނުވަތަ ފެނުގެ ވިޔަފާރިއަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ގިނަ ފިހާރަތަކުން ބުނީ އާދައާ ހިލާފަށް ހޫނު ގަދަވެފައިވާތީ ފެނުގެ ޑިމާންޑް މައްޗަށް ޖެހިފައިވާ ކަމަށާއި ކުރިއާ އަޅާ ބަލާއިރު ފެނުގެ ވިޔަފާރި އޮތީ އެހާ "ފެން" ގޮތަކަށް ނޫން ކަމަށެވެ.

"މިދުވަސްކޮޅު ކުރިއާ އަޅާބަލާއިރު ދެގުނައަށް ފެން ވިކޭ!" ތަފާތުވައްތަރުގެ މުދާ ވިއްކާ މެޑޯ ޓްރޭޑުން ބުންޏެވެ. "ޓުރެނަސް" ފިހާރައިން ބުނީ އެ ފިހާރައިން 1.5 ލީޓަރުގެ ފެން ކޭހުގެ ފަސްކޭ ވިކޭއިރު ފަސް ލީޓަރުގެ 10 ކޭސް ބޭރުވާ ކަމަށެވެ. ބައެއް އާދައިގެ ފިހާތަކުން ވެސް ބުނީ 20 ކޭސް ފެނާ ގާތް ކުރާ އަދަދަކަށް ފެން ވިކޭ ކަމަށެވެ.

މަޝްހޫރު "ރެޑް ބަނާނާ" އިން ބުނި ގޮތުގައި އެ ފިހާރައިގައި މިދުވަސްކޮޅު އެންމެ ވިޔަފާރި ރަނގަޅަޅީ ފެނަށެވެ. ކޮންމެ ދުވަހަކު ސަޕްލައި ކުރާ ފެން އެ ދުވަހަކަށް ވިކި ހުސްވެ އެވެ.

"އަޅުގަނޑުމެން ދުވާލެއްގެ މަށްޗަށް ގެންނަނީ ހުރިހާ ވަތަރަކުން ވިއްސަކަށް ކޭސް ފެން. އެ ހުސްވޭ ރޭގަނޑަށް ވާއިރަށް،" ފިހާރައިގެ ސޭޓް ބުންޔެވެ.

މާލޭގެ ވަރަށް ގިނަ ފިހާރަތަކުން ވެސް ބުނާ ގޮތުގައި މިނެރެލް ފެނުގެ ވިޔަފާރި މައްޗަށް ގޮސްފައި ވަނީ ހޫނު މިން މައްޗަށް ޖެހުމުން ކަމަށާއި ކޮންމެ އަހަރުވެސް އެޕްރީލް މޭ މަހުގައި ފެނުގެ ވިޔަފާރި މައްޗަށް ޖެހޭ ކަމަށެވެ.

ނޭޝަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ދަނީ ފެނަށް ޖެހިފައިވާ ރަށްރަށަށް ފެން ސަޕްލައި ކޮށްދެމުންނެވެ. އަނެއްކޮޅުން މޫސުމީ ހަނަފަސްކަން ވެސް މޭ މަސް ނިމޭ ހިސާބުގައި ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ކަމުން ދެން އޮތީ ފެން ތިޔާގި ވުމެވެ.