ކްރޮސް ސަބްސިޑީގެ އުސޫލުން މަޝްރޫތައް ހިންގުމުން ސަރުކާރަށް އެ ކަމުން ލިބޭ ފައިދާ ބޮޑުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ކްރޮސް ސަބްސިޑީއަކީ ކަމެއް ކޮށްދިނުމުގެ ބަދަލުގައި އެހެން މުދަލެއް ނުވަތަ ފައިސާއެއް ދިނުމެވެ.

ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ޚަރަދުކުރާ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ތަރައްގީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭ އެންމެ ކުޑަ އަގަކީ އެއް މިލިއަން ޑޮލަރެވެ.

އަމީރު "ސަން" އަށް ވިދާޅުވީ ކުރިން އަމަލުކުރާ ގޮތުން މަޝްރޫތައް ސަރުކާރުން ބޭނުންވާ މުއްދަތުގައި ނިމުމުގެ ޔަގީންކަން ނޯންނަ ކަމަށެވެ. އަދި އޭގެ ސަބަބުން މަޝްރޫތައް ނުނިމި ދިގުލައިގެން ގޮސް، ސަރުކާރަށް ވެސް އޭގެ ބުރަ އުފުލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މީހުންނަށް މި ހަވާލު ކުރަނީ އެއާޕޯޓު އަޅަން، އޭގެ ބަދަލުގައި މިސާލަކަށް ޓްރާންސްޕޯޓު ޚިދުމަތް ކުރިއަށްގެންދާ ގޮތަށް، ރިސޯޓު ހަދާ ގޮތަށް. އެކަމަކު ދެން ނަގާ މަސައްކަތަށް އޭގެ މުގާބިލުގައި މި ކުރަން ޖެހޭ ކަމެއް ނުއެއް ކުރޭ. އެއާޕޯޓެއް ނޭޅޭ. އެ ކަން ކުރަންޏާ ހައެއްކަ އަހަރު އެބަ ދޭ،" އަމީރު ވިދާޅުވިއެވެ.

ނަމަވެސް އެއާ ޚިލާފަށް ސަރުކާރުން މަޝްރޫއެއް ކުރިއަށްގެންދާނަމަ މިހާރު އެ ކަން ކުރާނީ މަޝްރޫއުގެ މަަސައްކަތް ކުރިއަށް ގެންދެވޭނެކަން ޔަގީންވާ ގޮތަށްކަމަށް އަމީރު ވިދާޅުވިއެވެ.

"މިހާރު މި ކުރާ ގޮތަކީ، އަޅުގަނޑުމެން ބުނާ ވަރަށް ލާރި ދިނީމާ، އެ މީހުންނަށް ކްރޮސް ސަބްސިޑީގެ ދަށުން އެބަ ދެވޭ. އެ ފައިސާ ސަރުކާރަށް ލިބުނީމާ، ސަރުކާރުން މި ހަދަނީ ތަންތަން. އެ ތަންތަން ޔަގީންކަން ހެދޭނެ ކަމުގެ ޔަގީންކަން އެބައޮވޭ،" އަމީރު ވިދާޅުވިއެވެ.

އަދި ބަޖެޓުގައި، ނެތް ނަމަވެސް ކްރޮސް ސަބްސިޑީ އުސޫލުން އެކަން ކުރުމުން މަސައްކަތަށް ފައިސާ ހުރި ކަން ސަރުކާރަަށް ޔަގީންވާނެކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ މުހިންމު ގިނަ މަޝްރޫތަކެއް އަންނަނީ ކްރޮސް ސަބްސިޑީ އުސޫލުން ހިންގަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫތައް ހިމެނެއެވެ.

މީގެ އިތުރުން ކ. އަތޮޅުގައި އޮންނަ ގިރާވަރު ފަޅު ހިއްކައިގެން ރެސިޑެންޝަލް ސިޓީއެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަނީ ކްރޮސް ސަބްސިޑީ އުސޫލުން ހިންގަން އިންވެސްޓަރުންނަށް ހުޅުވައިލައިފައެވެ.