ހ. ޝީރީންވިލާގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 23ގެ މައްޗަށް ފަސް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ, ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެއް މިއަދު ޝާހިލްގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

އެ މައްސަލަައިގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު އިތުރު މީހަކަށް ތުހުމަތެއް ނުކުރެއެވެ.

ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސް ވަނީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.

ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފަހުން ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުލުހުން އެންމެ ފަހުން ބުނިގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.