28 Dec 2022, 02:56
އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންގްހަމް ފޮރެސްޓުގެ މައްޗަށް ހޯދި މޮޅާއެކު މެންޗަސްޓާ ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފިއެވެ.
މިދިޔަ ސީޒަނުގައި ގަދަ ހަތަރެއްގައި ނުހިމެނި، ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުމުން ޔުނައިޓެޑަށް ކުޅެން ޖެހުނީ ޔޫރަޕާ ލީގުގައެވެ. އެހެންކަމުން މި ސީޒަނަށް އެ ޓީމުން ނުކުތީ ވަރުގަދަ އަޒުމެއްގައެވެ.
މި ސީޒަނުގެ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑުން، 12 އަހަރަށްފަހު ޔުނައިޓެޑަށް އެނބުރި އައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކޮންޓްރެކްޓު ބާތިލުކުރުމަށްފަހު ޔުނައިޓެޑުން ލީގުގައި ކުޅުން މިއީ ފުރަތަމަ މެޗެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު މެންޗަސްޓާ ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓު ބާތިލުކުރީ، ޕިއާސް މޯގަން ހުށަހެޅި ޕްރޮގްރާމެއްގައި ރޮނާލްޑޯ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާޣެ ކޮންޓްރެކްޓު ބާތިލުކޮށް ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑު މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޔުނައިޓެޑުގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މިއީ ގާތްގާތުގައި އެ ޓީމުގެ ކުޅުންތެރިން ޖެހި ދެ ލަނޑެވެ.
އެގޮތުން މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ 19 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން ކްރިސްޓިއަން އެރިކްސަން އޭރިއާ ތެރެއަށް ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާކަސް ރަޝްފޯޑު ޖަހައިދިން ލަނޑެކެވެ. އޭގެ ތިން މިނެޓުފަހުން މެޗުގެ 22 ވަނަ މިނެޓުގައި ރަޝްފޯޑު ވަނީ ޔުނައިޓެޑުގެ ދެވަނަ ލަނޑު ޖެހުމަށް އެސިސްޓު ކޮށްދީފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންތަނީ މާޝިއަލްއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ނޮޓިންގްހަމް ފޮރެސްޓުން ވަނީ ޔުނައިޓެޑުގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. އެހެންނަމަވެސް މި ހަމަލާ ފޮނުވާލި ޔޭޓްސް އޮފްސައިޑު މަގާމެއްގައި ހުރުމުން މިއީ ލަނޑެއްކަމަށް ބަލައިގެންފައެއް ނުވެއެވެ.

ޔުނައިޓެޑާއި ނޮޓިންގްހަމް ފޮރެސްޓު ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
ދެ ލަނޑުގެ ލީޑަކާއެކު ވަރަށް ހަމަޖެހިލާފައި ކުޅެމުންދިޔަ ޔުނައިޓެޑަށް މި ހާފުގައި މާގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް، މެޗުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް އެ ޓީމުން ވަނީ މެޗުގައި ތިންވަނަ ލަނޑު ޖަހައިފައެވެ.
މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ރެއާލް މެޑްރިޑުން ޔުނައިޓެޑަށް ބަދަލުވި ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ތެރެއަށް މުޅިން ހުސްކޮށްހުރެ ވަދެ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފްރެޑް އެވެ.
މި މޮޅާއެކު ޔުނައިޓެޑުން މިހާތަނަށް ކުޅުނު 15 މެޗުން 29 ޕޮއިންޓު ވަނީ ހޯދާފައެވެ. ތާވަލުގެ ފަސް ވަނައިގައި ޔުނައިޓެޑު އޮތްއިރު ހަތަރުވަނަ ލިބެނީ އިތުރަށް އެއް މެޗު ކުޅެ 30 ޕޮއިންޓު ހޯދާފައިވާ ޓޮޓެންހަމް އަށެވެ.
މެޗުން ބަލިވި ނޮޓިންގްހަމް ފޮރެސްޓް ރެލިގޭޝަން ޒޯނުގައި ތާވަލުގެ 19 ވަނައިގައި އޮތީ 16 މެޗުން 13 ޕޮއިންޓާއެކުއެވެ.
ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ މި މަހުގެ 31 ވަނަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެ މެޗުން މޮޅުވެގެން ޔުނައިޓެޑަށް ތާވަލުގެ ހަތަރުވަނައަށް އެރޭނެއެވެ.