28 Dec 2022, 00:31
އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ ޗެލްސީއަށް މި ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި، ނަތީޖާ ނުނެރެވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބަލިވުމުގެ ސިލްސިލާއަށް އެ ޓީމުން ނިމުން ގެނުވައިފިއެވެ.
މިރޭ އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީން ބޯންމަތުގެ މައްޗަށް ކުރިހޯދިއިރު، އެ ޓީމުން އެންމެފަހުން ކުޅުނު ހަތަރު މެޗުގައި މޮޅުވެފައް ނުވެއެވެ. އެއީ ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗަކާއި، އީއެފްއެލް ކަޕުގައި ކުޅުނު އެއް މެޗުންނެވެ.
ޗެލްސީ އެންމެފަހުން މޮޅުވެފައި ވަނީ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ބަލިވުމުގެ ސިލްސިލާއަށް ނިމުން ގެނުވި މެޗު ޗެލްސީން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުން ވެސް ލަނޑު ޖަހާނެ ގިނަ، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި މި މެޗުގައި އެ ޓީމުން ވަނީ ވަރަށް ކުރީކޮޅުގައި ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒް އެވެ. މިއީ ސެޕްޓެމްބަރު މަހު ޗެލްސީގެ ކޯޗުކަމާ ގްރެހަމް ޕޮޓާ ހަވާލުވިފަހުން ހަވާޓްޒް ޖެހި ހަތަރު ވަނަ ލަނޑެވެ. މިއާއެކު އޭނާ އަކީ ގްރެހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވެސް މެއެވެ.
އޭޣެ އަށް މިނެޓުފަހުން ޗެލްސީން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ މޭސަން މައުންޓެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއްގައި މޭސަން މައުންޓު ޖަހައިދިން ލަނޑެކެވެ.
މި ހާފުގައި ޗެލްސީން ވަނީ އިތުރު ހަމަލާއެއްގައި ބޯންމައުތުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. އެހެންނަމަވެސް މި ފުރުސަތު ތަނަވަސްކުރުމުގެ ތެރޭގައި ޗެލްސީގެ ހަވާޓްޒްއަށް ފައުލު ކުރެވުމުން ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.
ދެވަނަ ހާފުގައި ވެސް އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް، ދެ ޓީމުން ވެސް ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އެހެންނަމަވެސް ދެ ޓީމުގެ ކީޕަރުން ވެސް ވަނީ ހަމަލާތައް ދިފާއުކުރުމުގައި ތަފާތު ދައްކާފައެވެ.
މި މޮޅާއެކު ޗެލްސީން ވަނީ އިނގިރޭސި ލީގުގެ ޕޮއިންޓު ތާވަލުގެ އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޗެލްސީން މިހާތަނަށް ކުޅުނު 15 މެޗުން 24 ޕޮއިންޓު ލިބިފައިވެއެވެ. މެޗުން ބަލިވި ބޯންމަތަށް ތާވަލުގެ 14 ވަނަ ލިބެނީ އިތުރު އެއްމެޗު ކުޅެ 16 ޕޮއިންޓާއެކުއެވެ.