އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމް ތަންފީޒު ކުރެއްވި ނަމަވެސް، އެ މަނިކުފާނު ފައްޓަވާފައިވާ މަސައްކަތްތައް ނުހުއްޓޭނެ ކަމަށާއި އެމަނިކުފާނުގެ މަޝްވަރާގެ މަތިން ކެމްޕެއިނުގެ ކަންކަން ކުރަމުން ދާނެ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ.

އިދިކޮޅު ލީޑަޝިޕްގެ މެމްބަރުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީފައިވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމާ ގުޅިގެން ދެން ކުރިއަށް ހުރި ޕްރޮގްރާމްތައް ރޭވުމަށް ކަމަށެވެ.

"އެ މަސައްކަތް ނިންމާފަ ރައީސް ޔާމީންގެ މަޝްވަރާއާ އެކީގަ ރައީސް ޔާމީން ފައްޓަވާފަ ހުރި ހުރިހާ މަސައްކަތެއް ހަމަ އެގޮތުގަ ކުރިއަށް ގެންދާނަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅުން އަތޮޅުތަކަށް ކުރުމަށް ނިންމާފައިވާ ދަތުރުތައް ވެސް ރާވާފައިވާ ކޮށްފައިވާ ގޮތަށް ކުރާނެ ކަމަށެވެ. އަދި ރަށްރަށަށް ގޮސް ރައްޔިތުންނާ ވެސް ބައްދަލު ކުރާނެ ކަމަށާއި ރައީސް ޔާމީނުގެ ކެމްޕެއިން މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާ ކުރި ކަން ސާބިތުވެ މިދިޔަ އާދިއްދަ ދުވަހު، 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

އެ ހުކުމް އިސްތިއުނާފް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެކަން ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ބައްދަލުކުރަން ޖެހޭ ސަރުކާރުގެ އިދާރާތަކާވެސް ބައްދަލުކުރާނެ ކަމަށް އިދިކޮޅުން ބުންޏެވެ.

ހަމައެއާއެކު ޔާމީން މިނިވަން ކުރުމަށް ގޮވާލާ ސިލްސިލާ މުޒާހަރާތަކެއް އިދިކޮޅުން ކުރަމުންދާއިރު ޔާމީން މިނިވަންވުމާ ހަމައަށް އެ މުޒާހަރާތައް ކުރާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

އެގޮތުން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށް މިއަދުގެ އެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އެ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:00އިން ފެށިގެން 18:00އަށެވެ. އެ ހަރަކާތާ ގުޅޭ މާ ބޮޑު ތަފްސީލެއް އަބްދުއްރަހީމް ދެއްވާފައި ނުވާ ނަމަވެސް އެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީންކަން އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމުމުން، ރިޔާސީ ޓިކެޓާ ޔާމީން ހަވާލުވެވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 31ގައެވެ.

ނަމަވެސް ޔާމީންގެ މައްޗަށް އިއްވި ހުކުމާއެކު، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އެއީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ މީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނީ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރުވެފައިވާ ނަމަ ކަމަށް ގާނޫނު އަސާސީގައި ބަޔާކޮށްފައިވާތީއެވެ. ހުކުމަށް ކަނޑައެޅި އަދަބު މައާފުކޮށް ތިން އަހަރު ވެފައިވާ ނަމަވެސް އިންތިޚާބުގައި ވާދަކުރެވިދާނެއެވެ.

މީގެ ކުރިން ވެސް ޖިނާއީ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމަށް ހައި ކޯޓުން ތާއިދު ވެސް ކުރިއެވެ. ނަމަވެސް މިދިޔަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމާ ގުޅިގެން ޔާމީން މިނިވަންވެވަޑައިގަތެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުރި ހުރަސްތައް އޭރު ނެތުނީއެވެ.