27 Dec 2022, 22:28
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތައް ބަލައި ފާސްކުރުމުގެ ސިލްސިލާ ސާވޭއެއް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ، ސާވޭގެ ދަށުން އެ ޔުނިޓުތަކުގައި އެއްބަސްވުމާ ޚިލާފު އެއްވެސް މަސައްކަތެއް ކުރޭތޯ އާއި، ޔުނިޓު ހިންގަމުންދަނީ ދޫކޮށްފައިވާ ބޭނުމަށްތޯ ބަލާނެ ކަމަށެވެ.
މި ސާވޭގައި އެންމެ ފުރަތަމަ އެ ކޯޕަރޭޝަނުން ފާސްކޮށްފައިވަނީ ހުޅުމާލޭ ރަށު މާރުކޭޓް ސަރަހައްދާއި ގަރާޖުތައް ހުންނަ ސަރަހައްދެވެ.
އެ ކޯޕަރޭޝަނުން ބުނީ މިއީ ތަކުރާރުކޮށް ކުރިއަށް ގެންދެވޭނެ ސާވޭއެއް ކަމަށާއި ސާވޭގެ ތެރެއިން ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކުރުމަށް ޔުނިޓްތަކުގެ ވެރިންނަށް އަންގަމުންދާނެ ކަމަށެވެ. އެޗްޑީސީއިން ފާހަގަކުރާ ކަންތައްތައް ޔުނިޓްތަކުގެ ވެރިން ރަނގަޅުކޮށް އިސްލާހުކުރުމަށް ވެސް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމާޝަލް ޔުނިޓްތަކަކީ ވިޔަފާރިތައް ތަރައްގީކޮށް ކުރިއަރުވައި އާންމު ގިނަ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަށް އެޗްޑީސީއިން ވިޔަފާރި އުސޫލުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.