އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި އެމަނިކުފާނުގެ ދިފާއުގައި ދޮގު ހެކިބަސް ދީފައި ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާ ކުރިކަމަށް ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ބުނި ނަމަވެސް، ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނު ބައްލަވައިގަތް ފައިސާ ކަމަށެވެ. ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިބަސް ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ބައްލަވައިގަތް ކަމަށް ވިދާޅުވާ އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނުމަށާއި، އެފައިސާ ޔޫސުފް ނައީމާ ހަވާލުކުރުމަށް އޭނާ އަމަލީ ގޮތުން ހަރަކާތްތެރިވި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އެކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ.

ކޯޓުން އެފަދައިން ނިންމާފައިވާތީ ފުލުހުން މިހާރު ވަނީ އެމައްސަލަ ދިރާސާ ކުރަން ފަށާފައެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދޮގު ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމަކީ މާ ގިނަ ހެކިތަކަކަށް ރިއާޔަތްކޮށްގެން ކޮށްފައިވާ ހުކުމެއް ނޫން ކަމަށާއި، އެއީ ސުޕްރީމް ކޯޓުގެ ނިންމުމާ ދެކޮޅަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި އެމްއެމްޕީއާރްސީގެ އިސްވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރިއަތުން ބަލައިގެން އިރު، ނަރީޝްގެ ހެކިބަސް ދޮގު ހެކިބަހަށް ވާންވީ ކީއްވެތޯ އަދުރޭ ސުވާލު އުފެއްދެވިއެވެ.

އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ ކޯޓުގެ ހުކުމް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މުޒާހަރާކުރަން ފަށާފައިވާއިރު އަންނަ ހުކުރު ދުވަހު އިދިކޮޅުގެ ބޮޑު ހަރަކާތެއް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.