11 Apr 2012, 08:30
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މުވައްޒަފުނަށް ޕަބްލިކް ސާވިސް ޕްރޯޑްކާސްޓަރެއްގެ ސިފަ އެނގިގެން ތިބެ، އިލްމީ ފެންވަރެއްގައި ބަހުސް ކުރެވޭ ޕްރޮގްރާމްތައް ގެނެސްދެވެންދެން ދިވެހިރާއްޖޭގައި އަޑާއި ޓިވީއެމުން ގެންނަ ސިޔާސީ ޕްރޮގްރާމްތައް ހުއްޓާލައިފި އެވެ.
ޕަބްލިކް ސާވިސް ޕްރޯޑްކާސްޓަރެއްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެމްބީސީ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ސިޔާސީ ގޮތުނާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރަމުން އައި ތަނެއް ޕަބްލިކް ޕްރޯޑްކާސްޓަރަކަށް ކުއްލިއަކަށް ބަދަލު ކުރަން ޖެހެމުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ބޭރުގެ ފަރާތްތައް ގެނެސްގެން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޒިންމާ އާއި މައްސޫލިއްޔަތުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި އެމްބީސީގެ މުވައްޒަފުންނަށް މައުލޫމާތު ދެމުންދާ ކަމަށެވެ.
އުމަރު މަނިކު ވިދާޅުވީ އެމްބީސީން ޓީވީއެމް އާއި އަޑާއި ހަވާލުވިއިރު ތަފާތު "ފިތުނަވެރިކަން އުފެދޭ" ސިޔާސީ ޕްރޮގްރާމްތައް ފޮނުވަމުންދިޔަ ކަމަށާއި ނަމަވެސް އެ ޕްރޮގްރާމްތައް މިހާރު އަޑާއި ޓީވީއެމުން ހުއްޓާލާފައިވާ ކަމަށެވެ. ދެން އެފަދަ ޕްރޮގްރާމްތައް ފަށައި ގަންނާނީ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ސިފަ ޕްރޮޑިއުސަރުންނަށާއި ޕްރެޒެންޓަރުންނަށް އެނގިތިބެ އިލްމީ ފެންވަރެއްގައި ސިޔާސީ ގޮތުން ބަހުސް ކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބައްޓަން ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިތުނަވެރިކަމާއި ޖެއްސުން ކުރުމާއި މިކަންތައްގަނޑު ދެން ނާންނާނެ. އަޅުގަނޑުމެންގެ ސިޔާސީ ހުރިހާ ޕްރޮގްރާމެއް އެހެރީ ހުއްޓާލާފަ. ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ދެން ސިޔާސީ ޕްރޮގްރާމްތައް ފަށައިގަންނާނީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ސިފަ ޕްރޮޑިއުސަރަށް ވެސް، ޕްރެޒެންޓަރަށް ވެސް އެތާނގައި ތިބި ބޭފުޅުންނަށް އެގިވަޑައިގަންނަވައިގެން އިލްމީ ފެންވަރެއްގައި ސިޔާސީ ގޮތުން ބަހުސް ކުރެވޭ އެއްޗެހިތަކަށް ބައްޓަން ކުރެވިގެން ނޫން ގޮތަކަށް ނުފެށޭ ގޮތަށް އެހެރީ ހުއްޓާލާފަ،"
އެމްއެންބީސީވަންއާއި ރާއްޖެ ރޭޑިއޯގެ ނަމުގައި ހިންގަމުންދިޔަ ދެ ސްޓޭޝަނާ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ހަވާލުވި އެމްބީސީގެ ބޯޑުގެ ޗެއާމަން ވިދާޅުވި އެވެ.
އަޑާއި ޓީވީއެމުން ސިޔާސީ ޕްރޮގްރާމްތައް ގެނެސް ދިނުން ވަގުތީ ގޮތުން ހުއްޓާލިއަސް ޓީވީއެމުންގެ ގެންނަ "ރާއްޖެ މިއަދު" ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އުމަރު މަނިކު ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ އެ ޕްރޮގްރާމްގެ މައުލޫއަށް ވާނީ އެދުވަހުގެ އެންމެ ބޮޑު ސުރުހީ ކަމަށެވެ.
ސިޔާސީ ޕްރޮގްރާމްތައް ޓީވީއެމްއިން ގެނެސްދިނުން ހުއްޓާލުމުން އެ ޕްރޮގްރާމްތަކުގެ ބަދަލުގައި މިހާރު އެ ސްޓޭޝަނުން ފޮނުވަމުން ގެންދަނީ ޑްރާމާތަކާއި ކުރިން ފޮނުވާފައިވާ އިޖުތިމާއީ ޕްރޮގްރާމްތަކެވެ. އަދި އަޑުންވެސް ފޮނުވަމުން ގެންދަނީ އެފަދަ ޕްރޮގްރާމްތަކެވެ.
އެމްބީސީގެ ގާނޫނުގެ ދެވަނަ މާއްދާގައި އެމްބީސީ އުފެއްދުމުގެ މަގުސަތުކަމުގައި ބުނެފައި ވަނީ ސިޔާސީ ނުފޫޒާއި އިގްތިސާދީ ނުފޫޒުން މިނިވަންވެގެންވާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ކަށަވަރުކޮށް ދިނުމެވެ. އަދި ރައްޔިތުންގެ ހުރިހާ ގިންތިތަކަށް މަންފާކުރާ ފޭރާން ހެޔޮ ޕްރޮގްރާމްތަކެއް ބްރޯޑްކާސްޓު ކުރުމަށް މަގުފަހި ކޮށްދިނުމެވެ. އަދި ރައްޔިތުންނަށް ސީދާ ޖަވާބުދާރީވާ ރައްޔިތުންނަށްޓަކައި މަސްއޫލިއްޔަތު އުފުލަނިވި އޮނިގަނޑެއްގެ ތެރެއިން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދިނުމެވެ.
އެމްބީސީގެ ޗެނަލްތަކުން މިހާރު ވަނީ ސިޔާސީ ޕާޓީތަކަށް ގަޑި ދޫކުރުމަށް ބަދަލު ގެނެސްފަ އެވެ. އެގޮތުން ކޮންމެ މަހެއްގައި ސިޔާސީ ޕާޓީއަކަށް ލިބެނީ އެއް ގަޑިއިރެވެ. އެއީ ސްޓޫޑިއޯގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކަށް އެކަންޏެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޖަލްސާ ލައިވް ކުރުމުގެ ބަދަލުގައި، ދެން ޓީވީއެމްއާއި އަޑު ފޮނުވާނީ ހަމައެކަނި އެ ޕާޓީއެއްގެ އަހަރީ ޖަލްސާއާއި ޕާޓީގެ ކޮންގްރެސްއެވެ. އެ ޖަލްސާތައް ލައިވް ކުރުމަށް ފީއެން ނުނަގަ އެވެ.