އިނގިރޭސިވިލާތުގެ ގިނަ ދުވަސްވީ މަގުބޫލު ސައިންސް ފިކްޝަން ސީރީޒް "ޑޮކްޓާ ހޫ" ދައްކަމުން އަންތަނާ 60 އަހަރު ފުރޭތީ ހާއްސަ އެޕިސޯޑުތަކެއް ދެއްކުމަށް ނިންމައިފިއެވެ.

ބީބީސީއިން ދައްކަމުން އަންނަތާ 59 އަހަރުވެފައިވާ "ޑޮކްޓާ ހޫ"ގެ ދިގު ތާރީހުގައި ތަފާތު އެކި ވާހަކަތައް ކިޔައިދީފައިވާއިރު 60 އަހަރު ފުރުން ތަފާތުގޮތަކަށް ފާހަގަކުރުމަށް ޕްރޮޑަކްޝަނުން އަންނަނީ މަަސައްކަތް ކުރަމުންނެވެ. މި ޝޯގެ ހާއްސަ އެޕިސޯޑުތައް ހިމެނޭނީ އާ ސީޒަނާއެކުގައެވެ.

މި ސީޒަން ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުން ފެށިގެނެވެ. މި ޝޯއަށް 60 އަހަރު ފުރޭނީ އަންނަ އަހަރުގެ ނޮވެމްބަރު 23ގައެވެ. މިއީ ޝޯގެ ފުރަތަމަ އެޕިސޯޑު ނެރުނު ދުވަހެވެ.

ޝޯއަށް 60 އަހަރު ފުރޭއިރު އަންނަ އަހަރުގެ ސީޒަން ވެސް ވަރަށް ތަފާތުވާނެއެވެ. އެއީ ޝޯގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް އޭގެ ލީޑް ޑޮކްޓަރުގެ ރޯލުން ކަޅު ނަސްލުގެ އެކްޓަރެއް ފެނިގެންދާނެތީއެވެ.

"ޑޮކްޓާ ހޫ"ގެ ލީޑް ރޯލު ނުވަތަ ޑޮކްޓާގެ ރޯލަށް ހަމަޖައްސާފައި ވަނީ 29 އަހަރުގެ އެކްޓަރު ޝޫޓީ ގާޓްވާއެވެ. ޝޫޓީ އަކީ ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ސެކްސް އެޑިއުކޭޝަން"ގެ ސަޕޯޓިން ރޯލުން ފެންނަ އެކްޓަރެކެވެ.

ޑޮކްޓާ ނުވަތަ ޓައިމްލޯޑްގެ ރޯލަށް ޝޫޓީ ހަމަޖައްސާފައިވާއިރު، އެ ރޯލުން އޭނާ ފެންނާނީ އަންނަ އަހަރުގައި އެ ޝޯގެ 13 ވަނަ ސީޒަންއާ އެކުގައެވެ.

"ޑޮކްޓާ ހޫ"ގެ ދިގު ތާރީހުގައި މިހާތަނަށް ވަނީ 13 ޑޮކްޓަރެއް އެ ރޯލު ކުޅެފައެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރަށް އަންހެން ޑޮކްޓަރެއް ހަމަޖައްސާފައި ވަނީ 13 ވަނަ ޑޮކްޓަރުގެ ގޮތުގައެވެ. އެ ރޯލަށް އިނގިރޭސިވިލާތު އެކްޓަރު ޖޯޑީ ވިޓޭކާ ހަމަޖެއްސި އިރު އޭނާ ވަނީ ތިން ސީޒަނުން ފެނިފައެވެ.

އަލަށް ފަށާ ސީޒަނުގައި ކުރީގެ ބައެއް ޑޮކްޓަރުން ފެނިގެންދާނެއެވެ.