ކޭޕޮޕްގެ މިއަހަރުގެ ޑޭބިއު ގާލް ގްރޫޕް ކަމަށްވާ "ނިއުޖީންސް" ނިކުމެ އިންޑަސްޓްރީ ފަތަހަކޮށް އެތައް ބައެއްގެ ލޯބި ހޯދައިފިއެވެ.

ގިނަ ކުޑަކުދިން ހިމެނޭ ނިއުޖީންސް އިން މިއަހަރު ޑެބިއޫ ކޮށްފައިވަނީ "އެޓެންޝަން" ކިޔާ ސިންގަލް އަކާއެކުގައެވެ. އެއާއެކު ސިންގަލް އަކަށް ފަހު ސިންގަލް އަކާއެކު އެ ގްރޫޕުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.

ދެހާހުގެ ކުރީކޮޅުގެ "ވައި2ކޭ" ފެޝަން އާއި އެ ދުވަސްވަރުގެ މިއުޒިކް ސްޓައިލްތައް ބޭނުންކޮށްގެން އެކްސްޕެރިމެންޓް ލަވަތައް އުފައްދައި މުޅިން ތަފާތު ކަމެއް ކޭޕޮޕްގެ ތެރެއަށް މި ކުޑަ ގްރޫޕް ވަނީ ގެނެސްފައެވެ.

https://www.youtube.com/watch?v=js1CtxSY38I

މިންޖީ، ހަންނީ، ޑެނިއެލް، ހޭރިން އަދި ހާޔީން ހިމެނޭ މި ގްރޫޕުގެ އެންމެ ޒުވާން މެމްބަރަކީ ހާޔީންއެވެ. އޭނާ އަށް މިއަހަރު ވަނީ 14 އަހަރު ފުރިފައެވެ.

ކޮރިއާގައި އެންމެ ގިނަ ބައެއްގެ ތެރޭގައި މިވަގުތު ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ ނިއުޖީންސްއެވެ. ނަމަވެސް ކޮރިއާއިން ބޭރުގައި ވެސް ނިއުޖީންސް އަންނަނީ ވައިގައި ހިފަމުންނެވެ. އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ވެސް ގިނަ ބަޔަކަށް މިހާރު ނިއުޖީންސް އަންނަނީ އެނގެމުންނެވެ. ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ ތެރޭގައި މި ގްރޫޕުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ.

ނިއުޖީންސް އިން މިހާރު ވަނީ އެ ގްރޫޕުގެ ފުރަތަމަ އީޕީ އަލްބަމެއް ވެސް ނެރެފައެވެ. އެެމެރިކާގެ ރޯލިން ސްޓޯންސް އިން ބުނާގޮތުގައި އެ އީޕީއަކީ މި އަހަރުގެ އެންމެ ކާމިޔާބު އަލްބަމް ތަކުގެ ތެރޭގައި ހިމެނޭ އަލްބަމެކެވެ.

https://www.youtube.com/watch?v=pSUydWEqKwE

އީޕީ އަލްބަމް ނެރުނުތާ ފަސް މަސް ވެފައި އޮއްވައި މިދިޔަ ހަފުތާ ހަފުތާގެ ތެރޭގައި އެ ގްރޫޕުން އަނެއްކާވެސް ވަނީ ސިންގަލް އެއް ނެރެފައެވެ. "ޑިޓޯ" ނަމަށް ކިޔާ މި ސިންގަލް އަކީ އެ ގްރޫޕުން އަންނަ އަހަރު ނެރޭ އަލްބަމް "އޯއެމްޖީ"ގެ ފުރަތަމަ ސިންގަލް އެވެ.

ރޯލިން ސްޓޯންސް އިން ލަފާކުރާގޮތުގައި އާ އަލްބަަމާއެކު އެ ގްރޫޕު އަންނަ އަހަރު އިތުރަށް ބޮޑުވެގެން ދާނެއެވެ.