މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ކުރެއްދޫ އައިލެންޑް ރިސޯޓުގައި ރޭ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އުއްޗުގެ އުފަންދުވަހަކީ ޑިސެމްބަރު 25އެވެ.

ރޭ އުއްޗުގެ އުފަންދުވަސް ފާހަގަކުރީ، އިންޑިއާގެ ސޮނީ ޓީވީ ޗެނަލުން މިއަހަރު ކުރިއަށް ގެންދިޔަ ސުޕަރ ސްޓާރ ސިންގަރ 2ގެ އެއްވަނަ ލަވަކިޔުންތެރިއަކަށް ހޮވުނު މުހައްމަދު ފާއިޒްގެ ލަވަތަކާއެކުއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އުއްޗުގެ ދައުވަތަކަށެވެ.

އުއްޗުއަކީ ލަވަޔާއި މިޔުޒިކަށް ވަރަށް ލޯބިކުރައްވާ، ޅެންވެރިކަމުގެ ހުނަރު ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެ ޝޯގައި އިންޑިއާގެ ލަވަކިޔުންތެރިޔާ ފާއިޒް، އުއްޗުއަށް ޓަކައި، އުއްޗު ހައްދަވާފައި އޮތް ލަވައެއް ދިވެހި ބަހުން ހުށަހަޅައިދިނެވެ. ފާއިޒްގެ ހުށަހެޅުންތަކުގެ ތެރޭގައި އިހުގެ ހިންދީ ލަވަޔާއި ފަހުގެ ހިންދީ ލަވަތައް ވެސް ހިމެނުނެވެ. އަދި އިނގިރޭސި ލަވައެއް ވެސް ހުށަހެޅިއެވެ.

ފާއިޒްގެ މި ޒިޔާރަތުގައި އޭނާ ވަނީ ކުރެއްދޫގެ އިތުރުން ހުރަވަޅި ރިސޯޓުގައި ހުންނަ ކަނޑުއަޑީގެ ރެސްޓޯރަންޓް ބަލައިލަން ގޮސްފައެވެ. ފާއިޒް ބުނިގޮތުގައި އުއްޗުއަކީ ހިތްތިރި، ހިތްހެޔޮ، ވަރަށް ސާދާ ދިރިއުޅުމެއް އުޅުއްވާ ބޭފުޅެކެވެ. އުއްޗުގެ މެހުމާންދާރީ ތަޖުރިބާކުރުމަށްފަހު އަދިވެސް ރާއްޖެ އައުމަށް ބޭނުންވާ ވާހަކަ ފާއިޒް ބުންޏެވެ.

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރެއްދޫގައި ބޭއްވި ޝޯގެ ތެރެއިން - ފޮޓޯ: އެލީޒް

ފާއިޒްގެ އިތުރުން ރޭގެ ޝޯގައި ބަނގްލަދޭޝްގެ މިޔުޒިކް ބޭންޑަކާއި ނެށުންތެރީން ވެސް ލަވަޔާއި ނެށުމުގެ އައިޓަމްތައް ހުށަހެޅިއެވެ. ދިވެހި، ހިންދީ، ބަނގްލާ، ލަވަތައް ހުށަހެޅި މި ޝޯގައި ޚާއްޞަ ފެނިލުމެއްގައި ރާއްޖޭގެ ބޭންޑް އެކުއަޓިކް ވައިބްގެ ޝަމްއޫން މުހައްމަދުގެ ދެ ލަވައެއްވެސް އެ ބޭންޑާއެކު ހުށަހެޅިއެވެ. މި ތަނުން އެއްލަވަ ޝަމްއޫން ހުށަހެޅީ ފާއިޒް އާއެކުއެވެ.

އުއްޗުގެ ޢާއިލާގެ މެންބަރުންނާއި ރައްޓެހީންނާއި ރިސޯޓްގެ މުވައްޒަފުންނާއި ބައެއް ގެސްޓުން ވެސް ބައިވެރިވި މި ޝޯގައި އެންމެ ފާހަގަކުރެވުނު އެއްކަމަކީ އުއްޗުއަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކުރި އުފަންދުވަހުގެ ކޭކުތައް ދައްކައިލި ކޭކު ޕެރޭޑެވެ. ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ކުންފުނިތައް އަދި ރިސޯޓްތަކުން ހަދިޔާކުރި މި ކޭކުތައް ފެޅުއްވީ ޢާއިލާއާއެކު އުއްޗު އެވެ.

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރެއްދޫގައި ބޭއްވި ޝޯގެ ތެރެއިން - ފޮޓޯ: އެލީޒް

މީގެ އިތުރުން އެ ހަފުލާގެ ތެރެއިން، އުއްޗުގެ ޚިދުމަތްތަކުގެ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ. އަދި އުއްޗުގެ ކޮއްކޮ، ޓޫރިޒަމް ދާއިރާގެ އެއް ބާނީ ޗަމްޕާ ހުސައިން އަފީފާއި އުއްޗުއާ ދެބެއިންގެ އާއިލީ ގުޅުމާއި ވިޔަފާރި ހިންގެވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވާ އެހީތެރިކަމާ ބެހޭ ޕްރެޒެންޓޭޝަނެއް ވެސް ދައްކާފައިވެއެވެ.

ހަމައެއާއެކު، މެލޭޝިއާގެ ކެލަންޓަން ޔުނިވާސިޓީގެ ޕްރޮފެސަރު މުޙައްމަދު ރަފީ ޔައުޤޫބް، އުއްޗުގެ ޙަޔާތާ ގުޅޭގޮތުން ދިރާސާކޮށް ލިޔެފައިވާ ފޮތް އުއްޗުއަށް ހަދިޔާކުރެއްވުން ވެސް މި ޝޯގެ ތެރޭގައި އޮތެވެ. މީގެ އިތުރުން އުއްޗުގެ ޙަޔާތާ ގުޅޭގޮތުން އުއްޗުގެ ގާތް ރަޙްމަތްތެރީން ތައްޔާރުކުރި ފޮތެއް ވެސް މި ޝޯގެ ތެރޭގައި އުއްޗުއަށް ހަދިޔާކުރިއެވެ.

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރެއްދޫގައި ބޭއްވި ޝޯގެ ތެރެއިން - ފޮޓޯ: އެލީޒް

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިގެން ސަރުކާރުން އުއްޗުއަށް އެރުވި ޚިދުމަތުގެ އެވޯޑް، މި ޝޯގައި އުއްޗުގެ ހުރިހާ މުވައްޒަފުންނަށް ހަދިޔާކުރުން ވެސް އޮތެވެ. އަދި މުވައްޒަފުންގެ ފަރާތުން އުއްޗުއަށް އަށް ވެސް ހަނދާނީ ހަދިޔާއެއް އެރުވިއެވެ.

މި ހަފުލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުއްޗުގެ އުފަންދުވަހަކީ ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. މި އަހަރު ޝޯ ބޭއްވީ އެކަމަށް ޚާއްޞަކޮށް ކުރެއްދޫ ދަނޑުގައި ހެދި ސްޓޭޖެއްގައެވެ. ކުލަ އައްޔާއި ސްކްރީންތަކުގެ އެހީގައި ޝޯ އިތުރަށް ފުރިހަމަކޮށްފައިވެއެވެ.

އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ކުރެއްދޫގައި ބޭއްވި ޝޯގެ ތެރެއިން - ފޮޓޯ: އެލީޒް

އުއްޗު ވިޔަފާރީގެ ތެރެއަށް ވެންނެވީ މީގެ 50 އަހަރު ކުރިން މާލޭގެ ބާޒާރުމަތީގައި ހިންގެވި ފިހާރައާއެކުއެވެ.

އުއްޗުއަކީ ރާއްޖޭގެ ރިސޯޓް ވިޔަފާރީގެ އިތުރުން ތަފާތު އެކި ވިޔަފާރި ކުރައްވައި، އިޖްތިމާޢީ ކަންކަމަށާއި ދަރުމައަށް ބޮޑު ހޭދައެއްކުރައްވާ ބޭފުޅެކެވެ. އުއްޗުގެ އުފަންދުވަހުގެ މި ޚާއްޞަ ޝޯ އިންތިޒާމްކުރީ އުއްޗުގެ ގާތް ރަޙްމަތްތެރީންނާއި މުވައްޒަފުންގެ އިސްނެގުމާއެކުއެވެ.