27 Dec 2022, 19:34
ރ. އަތޮޅުގައި ހުންނަ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ޔުނިޓެއްގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ މަސައްކަތް ސައުސަން ކޮންސްޓަރަކްޝަނާ ހަވާލުކުރީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ހަތަރު މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 119 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާން މިއަދު 'ސަން'އަށް ވިދާޅުވީ އެ މަޝްރޫއު ނިމެންވާއިރަށް އެކަމަށް ބޭނުންވާ މުވައްޒަފުން ހޯދައި، މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އެ ޔުނިޓު ގާއިމްކޮށް ޚިދުމަތް ދޭން ފެށުމުން މުޅި އަތޮޅުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ޒަޔާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ނަފްސާނީ ބަލިތަކާ ގުޅޭގޮތުން އެ ހޮސްޕިޓަލް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ދެމުންދާ ކަމަށެވެ.
އިޖްތިމާޢީ ގޮތުންނާއި ޖިސްމާނީ ދުޅަހެޔޮކަމާ އެއްގޮތަށް ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މުހިންމުކަން ދީގެން ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭނާއި ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި އިސްކަންދޭ ދާއިރާއެއްގެ ގޮތުގައި ސަރުކާރުން ވަނީ ނަފްސާނީ ސިއްހަތު ހިމަނާފައެވެ.
އެގޮތުން ނަފްސާނީ ސިއްހީ ޚިދުމަތްތައް ގާއިމުކުރުމަށް ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ސާވިސަސް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް އެ ޕްލޭންގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަހުލުވެރި މުޖުތަމައުއެއް އުފެއްދުމުގެ މަގުސަދުގައި ގައުމީ ފެންވަރުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖީގެ މުހިންމުކަން ސަރުކާރުން ފާހަގަކޮށްފައިވެއެވެ.