27 Dec 2022, 18:06
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ބައެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބޭނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.
'ސަން'އާ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒަކަށް އަޑުގެ އިމާރާތުން ބައެއް ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި ބޭނުން ކުރުމަށް އަަޑުގެ އިމާރާތުން ބައެއް، އަންނަ ޖެނުއަރީ މަހު ހަމަޖެހޭނެ ކަމަށް އަޑުން ވެސް ބުނެފައިވާ ކަމަށެވެ.
އިމާރާތް ލިބުމާއެކު އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، ނޫސްވެރިންނާ ބައްދަލު ކުރުމަށްފަހު އިންތިޚާބު ބާއްވާނެ ތާރީޚު ވެސް އަންނަ މަހު އިއުލާނު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހަބީބް ވިދާޅުވިއެވެ. އެ ކޮމިޝަނުން އެންމެ ފުރަތަމަ ނިންމާފައިވަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް މި މަހުގެ ތެރޭގައި އިއުލާނު ކުރުމަށެވެ.
ނަމަވެސް މައި މަރުކަޒު ހިންގާނެ އިމާރާތް ލިބުން ލަސްވުމާއި އީސީގެ ރައީސް ފުއާދު ތައުފީގު ކުއްލިއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން އެކަން ފަސްވީ ކަމަށް ހަބީބް ވިދާޅުވިއެވެ.
މިފަހުން ބޭއްވި އިންތިޚާބުތަކުގައި އީސީން މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކޮށްފައިވަނީ ބާ ޖަމާލުއްދީން އިމާރާތެވެ. ނަމަވެސް އެ އިމާރާތް ހުރިތަނުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ނިންމާ، އެތަން ތަޅާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެތެރެއިން ރިޔާސީ އިންތިޚާބަށް ދޭން ހިމަނާފައިވަނީ 95 މިލިއަން ރުފިޔާއެވެ.