27 Dec 2022, 17:03
ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންލައިން ސްކޭޓިންގް އެސޯސިއޭޝަނެއް ވުޖޫދުކޮށް، އެ އެސޯސިއޭޝަން ކުޅިވަރާ ބެހޭ ވުޒާރާގައި ރަޖިސްޓްރީ ކޮށްފިއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެސޯސިއޭޝަން ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ރާއްޖޭގައި އިންލައިން ސްކޭޓިންގް ކުރިއަރުވައި، މި ކުޅިވަރަށް އަހުލުވެރި ޖީލެއް ބިނާކުރުމުގެ މަގުސަދުގައި މި އެސޯސިއޭޝަން ވުޖޫދުކުރީ، "އިންލައިން ސްކޭޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމުގައެވެ.
އެގޮތުން އިންލައިން ސްކޭޓިންގެ ދަށުން އަންނަ ހުރިހާ ކުޅިވަރެއް ކުރިއަރުވައި، މި ކުޅިވަރުގެ ދާއިރާއިން މޮޅު އެތުލީޓުންތަކެއް ކުރިއެރުވުމަށްޓަކައި ގިނަ ހަރަކާތްތަކެއް އެ ސޯސިއޭޝަނުން ކުރާނެއެވެ. އޭގެތެރޭގައި، އެސޯސިއޭޝުން އިންތިޒާމްކުރާ ހާއްސަ މުބާރާތްތައް ހިމެނެއެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އިންލައިން ސްކޭޓިންގައި މައިގަނޑު ގޮތެއްގައި 10 ވައްތަރެއް ވެއެވެ. އެއީ، އެގްރެސިވް އިންލައިން، އަލްޕައިން ސްކޭޓިންގް، ފިގާ ސްކޭޓިންގް، ފިޓްނަސް ސްކޭޓިންގް، ރޯލާ އިންލައިން ސްކޭޓިންގް، އޮފްރޯޑް ސްކޭޓިންގް، ރޯލާ ސޮކާ، ސްޕީޑް ސްކޭޓިންގް އަދި ވާޓް ސްކޭޓިންގް ހިމެނެއެވެ.
ރާއްޖޭގައި އަދި މި ކުޅިވަރަށް މާބޮޑު ތަރުޚީބެއް ލިބިފައި ނުވި ނަމަވެސް، ގިނަ އަދަދެއްގެ ކުޑަކުދިންގެ މެދުގައި މި ކުޅިވަރަށް އޮތް މަގުބޫލުކަން ބޮޑެވެ. މާލެ އަދި ހުޅުމާލޭގައި ހިންގާ އިންލައިން ސްކޭޓިންގް ކްލާސްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންތަކެއް ވެސް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.