އަންނަ އަހަރު ތެރޭ އާ ހަތަރު އެއާޕޯޓެއްގެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކުންފުނިން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން "ސަން" އާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެކުންފުނިން މިވަގުތު ޖުމުލަ ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ރ. އަލިފުށި، މ. މުލި، ފ. މަގޫދޫ، ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތެވެ. ނ. މާފަރު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެކުންފުނިންނެވެ.

"ފަރެސްމާތޮޑާ އެއާޕޯޓު އިރާދަކުރެއްވިއްޔާ ފެބްރުއަރީއަށް ނިންމަނާން، ދެން މުލި، އަލިފުށި، މަގޫދޫ، އޮގަސްޓަށް ނިންމަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ތިން އެއާޕޯޓު އެއްކޮށް،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އަދި، އެތަނުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޓީސީސީން ކުރާ ކޮންމެ މަސައްކަތެއް ވެސް ކުރަނީ އެންމެ ރަނގަޅު ފެންވަރުގައި ކަމަށާއި އެ ކުންފުނިން ހަދާ އެއާޕޯޓުތަކުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މުލީ އެއާޕޯޓު ޑިޒައިންކޮށް، އެއް އަހަރު ތެރޭ އަޅާ ނިންމަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ އަގަކީ 221 މިލިއަން ރުފިޔާއެވެ.

މަގޫދޫ އެއާޕޯޓު އެޅަން 231 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

އަލުފުށި ފަޅުން ބިން ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ތަރައްގީކުރުމަށް 451 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ މަޝްރޫއު ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އަދި، ފަރެސްމާތޮޑާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަސައްކަތް ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރެވެ.