ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ރަންވޭ ހުޅުވިފަހުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އެންމެ ބާރުބޮޑުވި ދުވަހަކީ މިދިޔަ ބުރާސްފަތި ދުވަސްކަމަށް ވީއައިއޭ ހިންގާ ކުންފުނިން ބުނެފިއެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލުން މިއަދު ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ރަންވޭއިން ފުރި އަދި ޖެއްސި މަތިންދާބޯޓުތަކުގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށެވެ.

މިފަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ވީއައިއޭއަށް އައި ޕްރައިވެޓް ޖެޓުތަކެއް-- ފޮޓޯ/އެމްއޭސީއެލް

މިގޮތުން އެދުވަހު ރަންވޭ ބޭނުންކުރި މަތިންދާބޯޓުތަކުގެ އަދަދު އުޅެނީ 228 ގައި ކަމަށް އެމްއޭސީއެލުން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ 104 އިންޓަރނޭޝަނަލް ފްލައިޓާއި، 104 ޑޮމަސްޓިކް ފްލައިޓުގެ އިތުރުން 20 ޕްރައިވެޓް ޖެޓެވެ.

މިފަހަރުގެ ޓޫރިޒަމް ސީޒަނާ ދިމާކޮށް ވީއައިއޭއަށް އައި ޕްރައިވެޓް ޖެޓުތަކެއް-- ފޮޓޯ/އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖެ އަންނަ ބައިނަލްއަޤްވާމީ އެއާލައިންތަކާއި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަރަށްބޮޑުތަން އިތުރުވެއެވެ. ކޮންމެ އަހަރެއްގެވެސް ކްރިސްމަސް ބަންދާއި، އައު އަހަރާއި ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއެވެ. މި ދުވަސްވަރު ޕްރައިވެޓް ޖެޓުތަކުގައި ބޮޑެތި މަހުޖަނުންނާއި މަޝްހޫރު ސެލެބްރެޓީން ވެސް ރާއްޖެއަށް ވަރަށް ގިނައިން ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓާއި، މާފަރު އެއާޕޯޓަށް ވެސް މިދުވަސްވަރު ގިނަ އަދަދަކަށް އަމިއްލަ ޖެޓުތައް ޖައްސައެވެ.