11 Apr 2012, 08:30
މާބޮޑަށް ފަލަކޮށް ތިބޭ އަންހެނުންނަށް އޯޓިޒަމް ކުދިން ލިބުމުގެ ނުރައްކާ ބޮޑުކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި މާބަނޑުއިރު ފަލަކޮށް ތިބޭ އަންހެނުންނަށް އޯޓިޒަމް ކުދިން ލިބުމުގެ ފުރުސަތު 70 ޕަސެންޓް އިތުރެވެ. މީގެ އިތުރުން އެހެން ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރއެއްގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ވެސް ދެގުނައަށް ބޮޑެވެ.
މާބަނޑު ދުވަސްވަރުގައި މާބޮޑަށް ފަލަކޮށް ތިބުމާއި، ހަކުރު ބަލި ހުރުމާއި، ލޭގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ދިރާސާ ކުރުމުގެ ގޮތުން މުތާލައާ ކުރި ފަރާތްތަކަށް ބަލާއިރު، ހަކުރުބަލީގެ މައްސަލަ ހުންނަ މީހުންނަށް އޯޓިޒަމް ކުދިން ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފާހަގަކުރެވުނެވެ. އަދި ހަމަ އެހެންމެ އިތުރު އެހެން ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑަރއެއްގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެހެން ނަމަވެސް ދިރާސާވެރިން ވިދާޅުވާ ގޮތުގައި މީގެ މާނައަކީ ހަކުރުބަލި ހުރި ކޮންމެ އަންހެނަކު ނުވަތަ މާ ބޮޑަށް ފަލަ ކޮންމެ އަންހެނަކު ވިހާ ކޮންމެ ފަހަރަކު އޯޓިޒަމް ކުއްޖަކު ލިބޭނެއެކޭ ނޫނެވެ.
އޯޓިޒަމްގެ މައްސަލައަކީ ކުރިއަރައިފައިވާ އަދި ކުރި އަރަމުން އަންނަ ގައުމުތަކުގައި ބޮޑު މައްސަލައަކަށް މިހާރު އަންނަނީ ވަމުންނެވެ. އެހެން ނަމަވެސް ފަގީރު އާއިލާތަކުގެ ކުދީންނަށް ވުރެ، ތަނަވަސް އާއިލާތަކުގެ ކުދީންނަށް، މިކަމާ ގުޅިގެން ދެވޭ ފަރުވާގެ ރަނގަޅު އަސަރު ކުރާލެއް ބޮޑު ކަމަށް ދިރާސާތަކުން ދައްކައެވެ.
"އަހަރެމެން މި ދިނީ އެންމެ ރައްކާތެރި މެސެޖް. މި ދިރާސާއާ ގުޅިގެން މީހަކު ބަރުދަން ލުއި ކުރުމުން އެމީހާއަށް ގެއްލުމެއް ނުވާނެ. ބަރުދަން ލުއިކުރުމުން އިތުރު އެތައް ފައިދާއެއް ލިބޭ. އަދި އޯޓިޒަމް ކުއްޖަކު ލިބުމުގެ ފުރުސަތު ހަނިވޭ." ރިސަރޗް ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވިއެވެ. - އެމްއެސްއެންބީސީ