27 Dec 2022, 15:27
އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރިއިމަރީގައި ވާދަކުރައްވާ ދެ ރައީސުންގެ ކެންޑިޑޭޓް ނަންބަރު އިއުލާނު ކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރުމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހު ހަމަވެފައިވާއިރު ކުރިމަތިލައްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
އެމްޑީޕީން މިއަދު ބުނީ ދެ ކެނޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުވަތުލާފައިވާއިރު, ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ނަޝީދަށް ކަމަށެވެ. އަދި ރައީސް ޞާލިހަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނަގާ އިންތިޚާބާ ބެހޭ ކޮމިޓީއަށް ފަސް މެމްބަރުން ރޭ ވަނީ ހޮވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން މި ދަނީ އެ ޕާޓީ ތެރޭގައި ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އެ ދެ ބޭފުޅުންގެ މެދުގައި މިހާރު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.