އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ޕޯޗުގީސް ފޯވާޑް ޔާއޯ ފެލިކްސް ހޯދުމުގެ ރޭހަށް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވަދެއްޖެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗެލްސީއާއި ޔުނައިޓެޑުން މި ސީޒަނުގެ ބާކީބަޔަށް އެ ޓީމުތައް ވަރުގަދަކުރުމަށް ފެލިކްސްގެ ސޮއި ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އާސެނަލުން ވެސް ދަނީ ފެލިކްސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޔުނައިޓެޑުން ދިގު މުއްދަކަށް ފެލިކްސް ހޯދުމަށް މަސައްކަތް ކުރާ ނަމަވެސް ޗެލްސީން ބޭނުން ވަނީ ލޯނު އުސޫލުން ފެލިކްސް ޗެލްސީން ގެނައުމަށެވެ.

ފެލިކްސް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ހަތަރު ވަނައަށް އެންމެ އަގުބޮޑުކޮށް ކުލަބު ބަދަލުކުރި ކުޅުންތެރިޔާއެވެ. އޭނާ 2019 ވަނަ އަހަރު ބެންފިކާ ދޫކޮށް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވީ 142 މިލިއަން ޑޮލަރުގެ އަގަކަށެވެ.

ބޮޑު އަގުގައި ގިނަ ޓީމުތަކުގެ ހުށަހެޅުމަށް ފުރަގަސްދީ ފެލިކްސް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވި ނަމަވެސް އޭނާގެ ފަރާތުން އެ ޓީމު އުންމީދުކުރި މޮޅު ކުޅުމެއް އަދި ދެއްކިފައެއް ނުވެއެވެ.

އެހެންކަމުން މިދިޔަ އަހަރު ފެލިކްސް ވަނީ އަނގަބަހުން އޭނާ ކުލަބު ދޫކޮށްލަން ބޭނުންވާކަން އެތުލެޓިކޯ މެޑްރިޑަށް އަންގާފައެވެ. މި ސީޒަން ފެށުމުގެ ކުރިން އެތުލެޓީކޯ މެޑްރިޑްގެ ޓީމު ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން ދޫކޮށްލަން ލިސްޓު ކުރިއިރު ފެލިކްސްގެ ނަން އެ ލިސްޓުގައި ހިމެނުނެވެ.

ނަމަވެސް ފެލިކްސް ވިއްކާލަން އެތުލެޓިކޯ އިން ކިޔާ އަގު ކަމަށްވާ 100 މިިލިއަން ޑޮލަރަށް އޭނާ ގަންނާނެ ކްލަބެއް އޭރު ނުވިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ނިމުނު ވޯލްޑްކަޕްގައި ފެލިކްސްގެ ފަރާތުން ފެނުނު މޮޅު ކުޅުމުގެ ސަބަބުން އަނެއްކާވެސް ގިނަ ކުލަބުތަކެއްގެ ލޯ މިވަނީ އޭނާއަށް އަމާޒުވެފައެވެ.

ވޯލްޑްކަޕްގައި ޕޯޗުގަލް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުގައި ފެލިކްސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.