މި މަހުގެ ތެރޭގައި ނިންމާ އަންނަ މަހު ބޭނުން ކުރަން އަމާޒުހިފި ދަރުމަވަންތަ ސުކޫލުގެ އާ އިމާރާތް ނުނިމި ދިގުލައިގެން ހިނގައްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ދަރުމަވަންތަ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާ، އަންނަ މަހު އެ ސުކޫލުގައި ކިޔަވަދޭން ފަށާނެކަމަށް ވިދާޅުވެފައެވެ.

ދަރުމަވަންތަ ސުކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ ތަފްސީލެއް ހޯދުމަށް "ސަން"އިން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން ވެސް އެ މަސައްކަތަގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ދަރުމަވަންތަ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަމަށް އެ ސުކޫލުގައި އާ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެސްޖޭ ކޮންސްޓްރަކްޝަންއާ 74.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެ މަސައްކަތް ކުރާތާ ތިން އަހަރާ ގާތްވެފައިވީ އިރުވެސް އެ ސުކޫލުގެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

ނަމަވެސް ސްކޫލު ކުރެހުމުގައި މައްސަލަތަކެއް ހުރުމުން ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް އިތުރު 20 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި މިދިޔަ އޮގަސްޓް މަހު ސޮއިކުރިއެވެ. އެ މަސައްކަތް ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެ މަސައްކަތަށް މިހާރު 127 ދުވަސް ވެފައިވާއިރު އަދިވެސް އެ އިމާރާތުގެ ފިނިޝިންގެ ގިނަ މަސައްކަތްތައް ހުރީ ނުނިމިއެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިންކޮށްފައިވަނީ 1،000 ދަރިވަރުންނަށް އެއްފަހަރާ ކިޔަވައިދެވޭނެ ގޮތަށެވެ. ސާޅީސްއެއް ކުލާސް ރޫމު ހިމެނޭ އެ ސުކޫލުގައި ދެ ބުރީގެ ލައިބުރަރީއަކާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ޖާގަވެސް ވަނީ ހިމަނައިފައެވެ.