މާލެއާއި ވިލިމާލެ ކުނިކަހައި ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ސިޓީ ކައުންސިލުން އަމިއްލަށް ކުރާ ގޮތަށް ބަދަލުވި ނަމަވެސް މީގެ ކުރިން އެ މަސައްކަތް ކުރި ވެމްކޯގެ އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.

މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މީގެ ކުރިން ކުރަމުން އައީ ވެމްކޯއިންނެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ.

އެހެންކަމުން މިއަދު މެންދުރު ފަހުން ފެށިގެން އެ މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލުންނެވެ.

މީގެ ކުރިން ވެމްކޯއިން މި މަސައްކަތް ކުރިއިރު އެކަމުގައި ޖުމުލަ 178 މުވައްޒަފުން ހަރަކާތްތެރިވިއެވެ. މާލޭ ސިޓީ ކައުންސިލުގެ ދަށަށް ކުނި ކެހުމުގެ މަސައްކަތް ބަދަލުކުރުމުން އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ބައެއް މުވައްޒަފުން ދެކުނެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖަރު ދުންޔާ އިބްރާހީމް މިއަދު "ސަން"އަށް ވިދާޅުވީ ވެމްކޯގައި އެ ވަޒީފާގައި އުޅުނު އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.

"އިންޓާނަލީ އެ ހުރިހާ މުވައްޒަފުންނަށް ވެސް މަސައްކަތްތައް ބަހާލާ ގޮތަށް މިއޮތީ. އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. އެމީހުންގެ ވަޒީފާއާ ބެހޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނަން،" އޭނާ ވިދާޅުވިއެވެ.

ވެމްކޯގެ މުވައްޒަފުން ކުނި ކަހަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުންޔާ ވިދާޅުވި ގޮތުގައި ވެމްކޯގެ އެ ވަޒީފާގައި އުޅުނު ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ވެއްޖެ ނަމަ ސިޓީ ކައުންސިލުގެ އެ މަސައްކަތަށް ބަދަލުވުމުގެ ފުރުސަތު ވަނީ ދީފައެވެ. އަދި އެކަމުގައި އެ މުވައްޒަފުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލެ އާއި މާލޭގެ ކުނި ކެހުމުގެ މަސައްކަތް އަމިއްލައަށް ކުރަން މާލޭ ސިޓީ ކައުންސިލުން ތައްޔާރުވެފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒް، ރޭ "ސަން"އަށް ވިދާޅުވީ އެ ކައުންސިލުން މަސައްކަތް ފަށަނީ 100 މުވައްޒަފުން ނަގައިގެން މާލެއާއި ވިލިމާލެއާ ދެކޮޅަށް ބަހާލައިގެން ކަމަށެވެ.

ހަމައެއާއެކު މަސައްކަތަށް ބޭނުންވާ ޕިކަޕްތަކާއި މަސައްކަތް ފެށުމަށް ކުރަން ޖެހޭ އެހެނިހެން މުހިއްމު ކަންކަން ވެސް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ވެމްކޯއާއެކު މާލޭ ސިޓީކައުންސިލުން ވެފައިވާ އެއްބަސްވުން އާނުކުރާނެކަން ހާމަކުރި ހިސާބުން ވެމްކޯއިން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ވެމްކޯގެ މުވައްޒަފުން ކުނި ކަހަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޓީ ކައުންސިލުން އެގޮތަށް ނިންމީ، ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަނަށް ރުފިޔާއަށް ވުރެ ހެޔޮ އަގެެއްގައި އެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެއެވެ. އެކަމަށް ރައްދުދީ ވެމްކޯއިން މީގެ ކުރިން ބުނެފައި ވަނީ، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ކުރަންޖެހޭ ޚަރަދުތައް ނުހިމަނާ ކަމަށެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.