އަންނަ ފެބްރުއަރީ މަސް ނިމެންވާއިރަށް ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކުންފުނިން ތަރައްގީ ކުރަމުން އަންނަ ފަރެސްމާތޮޑާ އެއާޕޯޓާ ބެހޭ އެންމެ ފަހުގެ މައުލޫމާތު "ސަން" އާ ހިއްސާ ކުރައްވަމުން އާޒިމް މިއަދު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ އެންމެ ލަސްވެގެން އަންނަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެ އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކަމަށެވެ.

"ޓާމިނަލްގެ ބައެއް މަސައްކަތްތައް މިހާރު އުޅެނީ [ނުނިމި]، ރަންވޭ، ލައިޓިން އަދި ފަޔާ ސްޓޭޝަންގެ ވެސް ހުރިހާ މަސައްކަތެއް ނިމިފައި އެހެރީ،" އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ކުރާ ކޮންމެ މަސައްކަތެއް ވެސް ކުރަނީ އެންމެ ރަނގަޅު ފެންވަރުގައި ކަމަށާއި އެ އެއާޕޯޓާ ދޭތެރޭ ވެސް އެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގދ. ފަރެސްމާތޮޑާ އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަސައްކަތް: އެމްޓީސީސީގރ ސީއީއޯ ވަނީ ދެ މަސް ތެރޭ އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1.2 ކިލޯމީޓަރުގެ (1200 މީޓަރުގެ) ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރެވޭނެއެވެ.

މި އެއާޕޯޓަކީ ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެ މަސައްކަތް 2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން ނެގުމަށްފަހު ހަވާލު ކުރީ އެމްޓީސީސީއާއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މި އަހަރު ހުޅުވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.