27 Dec 2022, 12:34
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށް، އިންތިޚާބުގެ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދެއްވާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.
އަންނަ މަހު 28ގައި އެޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމައި، ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އިންތިޚާބު އިންސާފުވެރިވާނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ.
ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް ގެންދަވަނީ އެ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.
އެ ތުހުމަތުތަކަށް ޖަވާބުދެއްވާ، ރޭގެ ގައުމީ މަޖިލީސް ޖަލްސާގެ ރިޔާސަތުގައި އިންނަވައި ފައްޔާޒު ވިދާޅުވީ އިންތިޚާބާ ގުޅޭ އެއްވެސް ކަމެއްގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށާއި އެ އިންތިޚާބު ގަޑުބަޑު ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިގޮތުން ރިޔާސީ ޕްރައިމަރީ އިއުލާނު ކުރުމުގެ ކުރިން ވެސް ދެ ރައީސުންނާ މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ޕާޓީގެ ދަފުތަރު ގަޑުބަޑުކޮށް، އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތުކޮށްފައެވެ.
"ވަރަށް ހިތާމަކުރަން، ބައެއް ބޭފުޅުން މާކުރިން އިންތިޚާބު ގަޑުބަޑު ކޮށްފައި އޮތް ކަމަށާއި އަދި އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށް ނިންމަވާ މި ޕާޓީގެ މުޅި ނިޒާމުގެ ކްރެޑިބިލިޓީ ގެއްލުވާލަން ކުރާ މަސައްކަތަކަށް އަޅުގަނޑު ޖާގައެއް ނުދޭނަން،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީން އަބަދުވެސް އަމަލުކުރަމުން ދާނީ ޒަމާނުއްސުރެ ހިފަހައްޓަމުން އައި އުސޫލުތަކުގެ މަތިން ކަމަށެވެ. އަދި، ވާދަކުރައްވާ އެންމެހާ ކެންޑިޑޭޓުންނަށް އިންސާފުވެރިކަމާއެކު އެއްހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވައިފައިވަނީ އެޕާޓީގެ ދަފުތަރުގައި ތިބި 39،000އަށްވުރެ ގިނަ މެންބަރުން ވަކިކުރި މައްސަލައެވެ. ޕާޓީން ވަކިކޮށްފައިވަނީ ސަރުކާރަށް ތާއީދުނުކުރާނެ މެންބަރުން ކަމަށް ނަޝީދު ވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެއަށް ރައްދުދެއްވާ ފައްޔާޒު ވިދާޅުވީ އެހެން ޕާޓީއަކަށް ބަދަލުނުވާ އެމްޑީޕީ މެންބަރަކު ޕާޓީގެ ދަފުތަރުން އުނިވެފައިވާނަމަ އެ މެންބަރަކު އަނބުރާ ޕާޓީއަށް ރުޖޫއަ ކުރެވޭނެ ގޮތެއް ހޯދުމަށް މިހާރު ވެސް މަސައްކަތް ކުރައްވާ ކަމަށެވެ.
"އަދިވެސް އަޅުގަނޑު އުއްމީދުކުރަން އެހެން ޕާޓިތަކަށް ނިސްބަތް ނުވާ ބޭފުޅުންނަށް ފުރުސަތެއް އޮންނާނެ ގޮތެއް ހެދުމަށް. އެ މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ 28ގައި ބާއްވަން ނިންމައިފައިވާ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެއެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެއެވެ.