27 Dec 2022, 10:23
ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މިއަހަރު ރަޝިޔާގެ މާކެޓުން ވަކިވެފައިވާ ބޭރުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ކުންފުނިތަކަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ރަޝިޔާގެ މިނިސްޓްރީ އޮފް ޑިޖިޓަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް އެންޑް މާސް މީޑިއާގެ ވެރިޔާ މަކްސޫޓް ޝަދާއެވް ވިދާޅުވެއްޖެއެވެ.
އައިބީއެމް އާއި މައިކްރޮސޮފްޓް ފަދަ އައިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކުގެ ނަންތައް ފާހަގަ ކުރައްވާ އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިތަކުން ރަޝިއާގެ މާކެޓްތައް ދޫކޮށްލަން ނިންމީ އެ ކުންފުނިތަކަށް ލިބޭނެ ގެއްލުންތައް އެކުންފުނިތަކަށް އިޙްސާސް ކުރެވިގެންނެވެ.
“އަޅުގަނޑުމެންގެ އަންދާޒާތަކަށް ބަލާއިރު، ރަޝިއާގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން 2022 ވަނަ އަހަރު ހަރަކާތްތައް ހުއްޓާލި ބައިނަލްއަޤްވާމީ އައިޓީ-ކުންފުނިތަކަށް ލިބުނު ގެއްލުމަކީ 650-700 ބިލިއަން ރޫބަލް (9.4-10.2 ބިލިއަން ޑޮލަރު)،” ރަޝިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަދާއެވް ވިދާޅުވިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ގައުމުތަކާ އެކު މަސައްކަތް ކުރުމަށް ރަޝިޔާ އިން ކެތްމަދުވެފައިވާކަން ޝަދާއެވް ފާހަގަކުރެއްވިއެވެ.
ހުޅަނގުގެ ކުންފުނިތަކުން ރަޝިއާއިން ބޭރަށް ނުކުމެގެން ދިޔަ ނަމަވެސް، އައިޓީ ދާއިރާއިން ރަޝިއާގެ ޓެކްނޮލޮޖީއާއި މަޝްރޫއުތައް ވާދަވެރި ގޮތެއްގައި ދެމިއޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު ފެންނަނީ ލެޓިން އެމެރިކާގެ ޤައުމުތަކާއި، މެދުއިރުމަތި، އަދި އޭޝިއާގައި ރަޝިޔާގެ ޓެކްނޮލޮޖީގެ ޖޮއިންޓް ޕްރޮޖެކްޓްތަކަށް ބޮޑު ޑިމާންޑެއް އޮތްކަން،" ޝަދާއެވް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރަޝިޔާ ދުނިޔޭގެ އައިޓީ އިންޑަސްޓްރީން ބާކީ ނުވާނެ ކަމަށާއި އިންސާފުވެރި ޕާޓްނަޝިޕްތަކުގެ މައްޗަށް ބިނާކޮށް އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ހޯދާނެ ކަމަށެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޕްރެޝަރާ ގުޅިގެން، ރަޝިއާގައި ހަރަކާތްތެރިވި އައިޓީ ކުންފުނިތަކުތެ އިތުރުން، ބައިނަލްއަގްވާމީ ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ ރަޝިޔާގައި ކުރަމުންދިޔަ އެފަދަ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓައިލައިފައެވެ.