މަދިރީގެ ޒަރިއްޔާއިން ފެތުރޭ، ޑެންގީ ހުން ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާހޯދަމުން ދިޔަ ތުއްތު ކުއްޖަކު މިރޭ މަރުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓާ އަހުމަދު އައްފާލް މިރޭ ވިދާޅުވީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދިޔަ ހަ އަހަރުގެ އަންހެން ކުއްޖަކު މިރޭ މަރުވީ ޑެންގޫގެ ވައްތަރެއް ކަމަށްވާ، ޑެންގީ ޝޮކް ސިންޑްރޯމްގައި ޖެހިގެން ކަމަށެވެ. އައްފާލް ވިދާޅުވީ މީގެ ކުރިން ޑެންގޫއަށް ފަރުވާ ހޯދާފައިވާ އެ ކުއްޖާ މަރުވީ ކުއްލިއަކަށް ނޭވާލާން ދަތިވެގެން މިއަދު ހަވީރު އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

"މަދުން ނަމަވެސް މިކަހަލަ ކަންތައްތައް ހިތާމަވެރި ކަންތައްތައް ދިމާވޭ. އަޅުގަނޑުމެންގެ ޑޮކްޓަރުން އިތުރަށް މިކޭސް ބަލަމުން ދަނީ. ޑެންގީ ހަމަ އުޅޭ. ހާއްސަކޮށް ހޫނު ގަދަ ވެފައި ކުޑަކޮށް ވާރޭވެހިލާ ދުވަސްކޮޅު އޭރު ބޮޑަށް މިފެތުރެނީ. އެކަމަކު މިދުވަސްކޮޅު މާގިނައިން ޑެންގޫ ފެތުރޭކަން ރިޕޯޓްކުރެވިފައެއް ނެތް. އަޅުގަނޑުމެން ޕޭޝަންޓެއް ރިޕޯޓް ކުރެވިއްޖިއްޔާ ނޭޝަނަލް ޕްރޮޓޮކޯލްގެ ދަށުން ފަރުވާދެމުން ދަނީ،"އައްފާލް ވިދާޅުވި އެވެ.

އަނެއްކާވެސް ޑެންގީ ހުންޖެހިގެން ކުއްޖަކު މަރުވި އިރު މިދިޔަ އަހަރުގެ ޖޫންމަހު ތެރޭ ހަތަރު ކުއްޖަކު ވަނީ ޑެންގީހުން ޖެހިގެން މަރުވެފަ އެވެ. މިދިޔަ އަހަރަކީ ކޮންޓްރޯލްވުމެއްނެތި ބާރަށް ޑެންގީހުން ފެތުރުނު އަހަރެކެވެ.