27 Dec 2022, 03:12
އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ވެސްޓް ހަމް ޔުނައިޓެޑުގެ މައްޗަށް ހޯދި މޮޅާއެކު، އާސެނަލްއިން އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ އާސެނަލްއިން މި މެޗު ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގް ގޭމެއް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ އާސެނަލްއިންނެވެ.
މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ބޯޅައެއް ވެސްޓް ހަމްގެ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ސަކާ އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސްޓްހަމް އިންނެވެ. އޭރިއާ ތެރެއިން އެ ޓީމުގެ ބޮވެންއަށް އާސެނަލްގެ ސަލިބާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ވެސްޓްހަމްއަށް ލީޑުނަގައިދިނީ ސައީދު ބެންރަހްމާ އެވެ.
ފުރަތަމަ ހާފު ނިމުނުއިރު ވެސްޓް ހަމްއިން ލީޑުގައި އޮތްއިރު، ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އާސެނަލުންނެވެ. ނަތީޖާއެއްގެ ގޮތުން ގާތްގާތުގައި ތިން ލަނޑު ޖަހައި މި މެޗު އާސެނަލްއިން ކާމިޔާބުކުރިއެވެ.
އެޓީމަށް މެޗުގައި ނަތީޖާ ހަމަހަމަ ކޮށްދިނީ 53 ވަނަ މިނެޓުގައި ސަކާ އެވެ. އަދި އޭގެ ފަސް މިނެޓުފަހުން ގެބްރިއެލް މާޓިނެލީ އާސެނަލްއަށް ލީޑު ނަގައިދިންއިރު، ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޑީ އެންކެއިޓާއެވެ.
މި މޮޅާއެކު އާސެނަލްއަށް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 15 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ނިއުކާސަލް އޮތީ އެއް މެޗު އިތުރަށްކުޅެ 33 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އެންމެފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ އޮތީ 14 މެޗުން 32 ޕޮއިންޓާއެކުއެވެ. މެޗުން ބަލިބި ވެސްޓްހަމް އަށް 16 މެޗުން 14 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 16 ވަނައެވެ.